ﷲ ސުބުޙާނަހޫ ވަތަޢާލާ ހައްދަވާފައިވާ ކޮންމެ މަޚްލޫޤަކީ އޭގައި އެއްވެސް އުނިކަމެއް ނުވާ، ފުރިހަމަ މަޚްލޫޤުންތަކެކެވެ. އަދި އެކަލާނގެއީ އެންމެ ރިވެތި "ސޫރާގައި" އިންސާނާ ހެއްދެވި އިލާހެވެ. އެކަލާނގެ ހައްދަވާފައިވާ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ އެ އެއްޗެއް އެއަށްވުރެ ފުރިހަމަކުރުމަށް، އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެހައި ފުރިހަމަކޮށެވެ.

ތުއްތު ދަރިފުޅަށްޓަކައި މައިމީހާގެ ހަށިގަނޑުގައި ލައްވާފައިވާ ކިރަކީ ކުޑަކުއްޖާއަށް އެންމެ ފައިދާހުރި ކާނާއެވެ. ކުޑަކުއްޖާއަށް ކާނާގެ ގޮތުން ބޭނުންވާނެ ހުރިހައި އެއްޗެއް އެ ކިރުގައި ވެއެވެ. އެ އެއްޗެހި ހިމަނުއްވާފައިވަނީ އުނި އިތުރެއް ނުވާނެހައި ފުރިހަމައަށެވެ. މައިމީހާގެ ކިރަކީ، ދިރުންހުރި ބައިލޮޖިކަލް ކިރެކެވެ. އެކިރުގައި އެކުލެވޭ އެއްބާވަތަކީ ލެކްޓޯފެރީންނެވެ. މިއީ ޕްރޮޓީންގެ މާއްދާއެކެވެ. ނުރައްކާތެރި ބެކްޓީރިޔާ ތަކުން ކުޑަކުއްޖާގެ ހަށިގަނޑު ސަލާމަތްކުރުމަށްވެސް ލެކްޓޯފެރީން އެހީވެދެއެވެ. އަދި ހަޖަމްކޮށްދިނުމަށް މައިމީހާގެ ކިރުގައި އެކުލެވޭ "ލައިޕާސަސް" ކިޔާ މާއްދާ އެހީތެރިވެދެއެވެ. އަދި މައިމީހާގެ ކިރުގައި ހަށިގަނޑު ބޮޑުވުމަށާއި ކަށިތައް އުފެދުމަށް އެހީވެދޭ މާއްދާތައްވެސް ބައިވަރު އެކުލެވިގެންވެއެވެ.

މައިމީހާ ކައިބޮއި އުޅޭ އެއްޗެހީގެ ސަބަބުން ކިރުގެ ރަހައަށް ބަދަލުއާދެއެވެ. އެހެންކަމުން ކުޑަދަރިފުޅު އެއް ރަހައަކަށް، ފޫހިވާކަށް ނުޖެހެއެވެ. ދަރިފުޅު ބޮޑުވަމުން ދިޔަދިޔަހެން އެ އަންނަ ބަދަލާ ގުޅިގެން މައިމީހާގެ ކިރުގައި އެކުލެވޭ ބައިތައްވެސް ކުޑަކުއްޖާގެ ހަށިގަނޑުގެ ތަރައްޤީއާއި އަދި އުމުރާއި ގުޅޭގޮތުން ބަދަލުވަމުން ދެއެވެ.

މައިމީހާގެ ކިރަކީ ކުޑަދަރިފުޅަށްލިބޭ ފުރަތަމަ ދިފާޢީ ވެކްސިންއެވެ. ބަލިބަލިން ދިފާޢުވުމުގެ ބާރު ކިރުގައި ހިމެނެއެވެ. ކުޑަދަރިފުޅަށް ބޭނުންވާ އެންޓިބޮޑީސް މައިމީހާގެ ކިރުގައި ހުރެއެވެ. އެގޮތުން ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކުން ކުޑަދަރިފުޅު ސަލާމަތްކޮށްދެއެވެ. އަދި ހަޖަމް ކުރުމުގެ ނިޒާމަށްޖެހޭ ބަލިތަކުންވެސް ދިފާޢުކޮށްދެއެވެ. ހަށިގަނޑުގެ ދިފާޢީ ބާރު ހަރުދަނާކޮށްދީ ވަރުގަދަކޮށްދިނުމުގައި މައިމީހާގެ ކިރު އަދާކޮށްދެނީ ވަރަށްވެސް މުޙިންމު ދައުރެކެވެ.

މައިމީހާގެ ގާތުން ކިރުދޭ ކުދިން ބޮޑެތި ބަލިތައް ޖެހުންމުން ދުރުވެއެވެ. ބޭރަށް ހިންގުމާއި މައިދާގައި ނުވަތަ ގޮހޮރުގައި ވައި ހެދުން މަދުވާނެއެވެ. ކުޑަކަމުދާ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށްދީ ހެދިބޮޑުވުމުގައި މާބޮޑަށް ފަލަވިޔަ ނުދީ ހިފަހައްޓައިދެއެވެ. އެކިކަހަލަ އިންފެކްޝަން ތަކުން ދުރުކޮށްދިނުމަށް މައިމީހާގެ ކިރަކީ ވަރަށްވެސް މުހިންމު އެއްޗެކެ. މި ހުރިހާ ކަމެއް އެއްކިބާކޮށް، މައިމީހާއާއި ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެން ދިއުމަކީ ގާތުން ދިނުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއެވެ. ބައެއް ދިރަސާތަކުން ދައްކާގޮތުގައި، ގާތުން ދޭނަމަ، އެ ކުއްޖެއްގެ މަންމައަށް ކިޔަމަންތެރި ކުއްޖަކަށް އެކުއްޖާވެގެން ދެއެވެ.

ގާތުން ކިރުދިނުމުގައި މައިންނަށް ލިބޭފައިދާ ތަކުގެ ތެރޭގައި ދެމައިންގެ ކުލުނު ބޮޑުވެ ދަރިފުޅަކީ މަންމައަށް ކިޔަމަންތެރި ކުއްޖަކަށް ވުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި މައިމީހާގެ ރަހިމު އަވަހަށް ހަމަޖެހުމަކަށް ދިއުމަށް އެހީވެދެއެވެ. މީގެ އިތުރުން ވިހެއުމާ ގުޅިގެން ފަލަވާ ފަލަވުން ކޮންޓްރޯލް ކޮށްދިނުމާއި ބިސްރަވައާއި އުރަމަތީގެ ކެންސަރުންވެސް ދުރުކޮށްދެއެވެ. އަދި ހަމައެއާއި އެކު ގާތުން ކިރުދިނުމަކީ ޤުދުރަތީ ދޭތެރެ ދުރުކުރުމަކަށްވެސް ވެއެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ތުއްތު ކުއްޖާގެ އުމުރުން ދެ އަހަރު ވަންދެން ގާތުން ކިރުދިނުމަށް ވަނީ އަންގަވާފައެވެ. ހަމަ އެއާއި އެކު ސިއްހީ މާހިރުންގެ ލަފަ އަކީވެސް ހަމަ އެއީއެވެ. މާތް ﷲ ހައްދަވާ، ފުރިހަމަ ކުރައްވަވާފައިވާ މި ނިޒާމަކީ އަޖައިބެއްކަހަލަ ފުރިހަމަ ނިޒާމެކެވެ.