ރޯދަ މަހާއި، އޭގެ ފަހުން އަންނަ ޝައްވާލު މަހުގެ ހަ ރޯދަ ނިމެންދެން އައިޖީއެމްއެޗްގެ ޚިދުމަތްތައް ދޭނެ ގަޑިތައް އެ ހޮސްޕިޓަލުން އާންމުކޮށްފިއެވެ.

އައިޖީއެމްއެޗުން ބުނީ، ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމަންޓުތަކެއްގެ ކައުންޓަރުތައް ހުޅުވިފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށެވެ. ނަމަވެސް، އެމަޖެންސީގެ އެންމެހައި ޚިދުމަތްތައް ރޯދަ މަހު ވެސް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެއެވެ.

ލެބޯރެޓަރީގެ ޚިދުމަތްތަކަށް ބަލާއިރު، އާންމު ޓެސްޓުތަކުގެ ސާމްޕަލް ބަލައިގަންނާނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ކައިގެން ދެ ގަޑިއިރު ފަހުން ހަދާ ޓެސްޓުތަކާއި ދަރިފަނީގެ ސާމްޕަލްތައް ރޭގަނޑު 8:00 އިން 9:00 އަށް ބަލައިގަންނާނެއެވެ. ބޭރަށް ފޮނުވައިގެން ހަދާ ޓެސްޓުތަކުގެ ސާމްޕަލް ބަލައިގަންނާނީ އާދީއްތަ އަދި ބުދަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެންނެވެ.

އެކްސްރޭގެ ޚިދުމަތް ހެނދުނު 8:00 އިން މެންދުރުފަހު 2:30 އަށް ލިބޭއިރު، ސީޓީ ސްކޭން، އެމްއާރުއައި، އަދި އަލްޓްރާސައުންޑް ސްކޭން ފަދަ ޚިދުމަތްތައް ކުރިއަށްދާނީ ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ. މި ބަދަލުތަކަށް ސަމާލުވުމަށް އައިޖީއެމްއެޗުން އާންމުންގެ ކިބައިން އެދެއެވެ.