ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރަށްރަށުގެ ދަނޑުވެރިންގެ އުފެއްދުންތައް މާލޭގައި ވިއްކޭނެ މަގުފަހިކޮށްދިނުމަށް ތަރައްޤީކުރި "ދަނޑުވެރިންގެ ބާޒާރު" މިއަދު ހުޅުވައިފިއެވެ. ނޯތު ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައި ހުޅުވި މި މާރުކޭޓަކީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ތަރައްޤީކުރި ތަނެކެވެ.

މި މާރުކޭޓުގައި ށ. ގޮއިދޫ، ގއ. ނިލަންދޫ އަދި ތ. ކަނޑޫދޫ ފަދަ ދަނޑުވެރިކަމަށް މަޝްހޫރު ހަތް ރަށަކުން އުފައްދާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ލިބެން ހުންނާނެއެވެ. ވުޒާރާއިން ބުނީ މި ތަނުން ވިއްކާނީ ހަމައެކަނި ރާއްޖޭގެ ދަނޑުތަކުގައި ހައްދާ ތަކެތި ކަމަށާއި، އޭގެ ތެރޭގައި "އެމްގެޕް" ސެޓިފައިޑް 10 ދަނޑެއްގެ އުފެއްދުންތައް ހިމެނޭ ކަމަށެވެ. ރޯ މޭވާއާއި ތަރުކާރީ ފިޔަވައި އިތުރު އެއްވެސް އެއްޗެއް މި މާރުކޭޓުން ވިއްކުމަކީ މަނާ ކަމެކެވެ.

މި ބާޒާރު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު 9:00 އިން 11:00 އަށް ވެސް ވިޔަފާރިކުރެވޭނެއެވެ. މި މާރުކޭޓަކީ ވަގުތީ ތަނަކަށް ވާތީ، ރަމަޟާން މަސް ނިމުމާއެކު މާރިޗު މަހުގެ 26 ވަނަ ދުވަހު މިތަން ނަގާނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.