ޒަމާނީ ފެންވަރަށް އަލުން ތަރައްޤީކުރި މަސްޖިދުލް ޔޫސުފުލް ބަރުބަރީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
މާލޭގައި ހުރި ބައު މިސްކިތްތައް އައުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރައީސް ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ބިނާކުރި މި މިސްކިތަކީ އެއްފަހަރާ 1,400 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ތަނަވަސް މިސްކިތެކެވެ. މި މިސްކިތް ބިނާކޮށްފައިވަނީ އަލިސާފު ކުންފުނީގެ ދީލަތި އެހީތެރިކަމާއެކުގައެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ކެބިނެޓް ވަޒީރުން ބައިވެރިވެވަޑައިގަތެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މިސްކިތުގެ އެކި ބައިތައް ބައްލަވާލައްވާފައެވެ. މި މިސްކިތުގައި ކުރި ފުރަތަމަ ނަމާދު ކަމަށްވާ މިއަދުގެ އަޞްރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދުއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މިހާރު ވެސް އިސްލާމީ ދާއިރާއާ ގުޅުންހުރި 90 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ މިސްކިތްތައް ބިނާކުރުމާއި އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ހިމެނެއެވެ.
