ރަމަޟާން މަހަކީ އެމަހެއްގައި ކީރިތި ޤުރުއާން ބާވައިލެއްވުނު މާތް މައްސަރެވެ.  އެމަހުގެ ކޮންމެ ދުވަހެއްގެ ދުވާލު ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟުކުރެވިގެން ވަނީ ރޯދަހިފުމަށެވެ.

އެތައް ގުނައެއްގެ ދަރުމައަކާއި ސަވާބެއް ލިބެނިވި ޚާއްޞަ ރެއެއް ލައްވަވާފައިވަނީ މިމައްސަރުގައެވެ. ޤުރުއާން ބާވައިލެއްވުނު ލައިލަތުލް ޤަދުރި ވިލޭރެއެވެ.

އެހެންކަމުން، ޚާއްޞަކޮށް މިމާތް މައްސަރުގައި ވީހާ ގިނަގިނައިން ކީރިތި ޤުރުއާން ކިޔެވުމަކީ އެތައް ގުނައެއްގެ ދަރުމައާއި ސަވާބު އިތުރުވެގެންވާ ކަމެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ވަރަށަ ގިނަ މީހުން ރަމަޟާން މަހުގައި ޤުރުއާން އެއްކޮށް ކިޔަވައި ނިންމާލުމަށް ޢަޒުމް ކަނޑައަޅައެވެ. ވަރަށް ބާރަށް އެމަސައްކަތް ކުރިޔަށްވެސް ގެންދެއެވެ. ނަމަވެސަ ފަހުން ރަމަޟާން މަސް ނިމޭއިރުވެސް އެކަން ޙާޞިލުވާގޮތް ނުވާވާހަކަ ބައެއް ފަރާތްތަކުން ބުނެއެވެ. މިލިޔުމުގައި މިބަލާލަނީ ރަމަޟާން މަހުގެ 30 ދުވަހުން މުޅި ޤުރުއާން އެއްކޮށް ކިޔާ ނިންމާލުމަށް ނުވަތަ ޚަތިމު ކުރުމަށް ފަސޭހަ ގޮތެކެވެ.

ކީރިތި ޤުރުއާނުގައި 30 ފޮތް ހިމެނޭއިރު، 30 ދުވަހުން 30 ފޮތް ކިޔެވޭނީ ކޮންމެ ދުވަހަކު ފޮތެއް ކިޔެވިގެންނެވެ.

ކޮންމެ ދުވަހަކު ފޮތެއް ކިޔެވުމަށްޓަކައި އަންނަނިވި ގޮތަށް ކިޔެވުން ބަހާލާށެވެ. ކޮންމެ ފޮތަކީ ގާތްގަނޑަކަށް 20 ޞަފުޙާއެވެ. މި 20 ޞަފުޙާ ފަރުޟު 5 ނަމާދަށް ބަހާލާށެވެ. އޭރުން ކޮންމެ ނަމާދެއްގެ ފަހުގައި 4 ޞަފުޙާ ކިޔެވުމުން 5 ނަމާދު ނިމޭއިރު 20 ޞަފުޙާ ނުވަތަ ފޮތެއް ކިޔެވުނީއެވެ.

ކޮންމެ ނަމާދެއްގެ ފަހުގައި 4 ޞަފުޙާ ކިޔަވަން އުނދަގޫނަމަ އަދިވެސް ކުރުކޮށްލާށެވެ. އެގޮތުން ކޮންމެ ނަމާދެއްގެ ކުރީގައި 2 ޞަފުޙާ އަދި ފަހުގައި 2 ޞަފުޙާ ކިޔެވުމުން މިކަން ޙާޞިލުވީއެވެ.

މަތީގައި ބަޔާންކުރެވުނު ގޮތަށް އެއް ދުވަހުވެސް ކުރިޔަށް ނުގެންދެވިއްޖެނަމަ އެހިސާބުން ހުއްޓާނުލާށެވެ. ތިމާއަށް އެންމެ ފަސޭހަ ވަގުތެއް ހޯދާށެވެ. މިސާލަކަށް ހަފްތާ ބަންދު، ހުކުރު ދުވަސް ފަދަ ދުވަހެއްގައި ނުކިޔެވި ދާ ޞަފުޙާގެ ޢަދަދުތައް ހަމަކޮށްލާށެވެ.

މި ބަޔާންކުރެވުނު ފަދައިން ޢަމަލުކުރެވިއްޖެނަމަ ތިބާ ރަމަޟާންމަހާއި އަލްވަދާޢު ކިޔާނީ ކީރިތި ޤުރުއާން އެއްކޮށް ކިޔަވައި ނިންމާލެވިފައި ހުރުމުގެ މަތިވެރި ހިތްހަމަޖެހުމާ އެކުގައިކަން ކަށަވަރެވެ.