އިނގިރޭސި ހެލްތު ސެކްރެޓަރީގެ މަގާމުން މެޓް ހެންކޮކް އިސްތިއުފާ ދެއްވުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެމަގާމަށް އައު ބޭފުޅަކު އައްޔަނު ކުރައްވާފައެވެ. އެމަގާމާ އަލުން ހަވާލުވެލެއްވީ ސާޖިދު ޖާވިދު ނަމަކަށް ކިޔާ މުސްލިމެކެވެ. ސާޖިދު ޖާވިދުއަކީ އިނގިރޭސި ސަރުކާރުތަކުގައި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރެކެވެ.
ސާޖިދު ޖާވިދު ވަނީ ހޯމް ސެކްރެޓީރީ ކަމާއި ފައިނޭންސް ސެކްރެޓަރީކަންވެސް އަދާ ކުރައްވާފަ އެވެ. އޭނާއާއި އެކުގައި މަސައްކަތް ކުރެއްވި ބޮޑުވަޒީރުންގެ ތެރޭގައި ޑޭވިޑް ކެމަރަން އަދި ތެރެސާ މޭ ވެސް ހިމެނި ވަޑައިގަންނަވަ އެވެ.
އިނގިރޭސި ނޫސްތަކުން ބުނާ ގޮތުން ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ހެލްތު އެންޑް ސޯޝަލް ކެއާގެ މަގާމަށް ސާޖިދު ޖާވިދު އައްޔަނުކުރެއްވުމާ މެދު އިނގިރޭސި ރާނީ އިންނެވީ ވަރަށް ރުހިވަޑައިގެންފައެވެ. ސާޖިދުގެ ނަން ބޮޑުވަޒީރުގެ ފަރާތްޕުޅުން ރާނީއަށް ހުށަހެޅުމާއެކު ލަސްތަކެއްނުވެ އޭނާއަށް ރުހުން ދެއްވި ކަމަށް ނޫސްތަކުން ރިޕޯޓްކުރެ އެވެ.
އިނގިރޭސި ހެލްތު ސެކްރެޓަރީގެ މަގާމުގައި ކުރިން ހުންނެވި މެޓް ހެންކޮކް ވަނީ އޭނާއަށް ކުރެވުނު ކަމަކާއި ހެދި އެމަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ހެންކޮކް އިސްތިއުފާ ދެއްވީ އަންހެން އެހީތެރިއަކާއެކު މިނިސްޓަރުގެ އޮފީހުގައި ކައިވެނިން ބޭރު ގުޅުމެއް ހިންގެވިކަން ފަޟީހަތް ވުމާ ގުޅިގެނެވެ. އެކަމާއި ގުޅިގެން ގިނަބަޔަކު ދަނީ އޭނާއަށް ފާޑުކިޔާ، އޭނާ ހައްޔަރު ކުރުމަށްވެސް ގޮވާލަމުންނެވެ.
