ޝަވަރުމާއަކީ އާންމުކޮށް މަހުގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗަކަށް ވިޔަސް، މިއީ ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭނެ މީރު އަދި ސިއްހަތަށް ފައިދާހުރި ރެސިޕީއެކެވެ. ޗިކްޕީސް ނުވަތަ މުގު ބޭނުންކޮށްގެން ތައްޔާރުކުރާ މި ޝަވަރުމާއަކީ ޕްރޮޓީން ގިނައިން އެކުލެވޭ ކާނާއެކެވެ. މިއީ ހަށިގަނޑަށް ފައިދާހުރި ބާވަތްތައް ބޭނުންކޮށްގެން އަވަހަށް ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

މި ޝަވަރުމާ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތީގެ ތެރޭގައި އެއް ދަޅު ޗިކްޕީސް، ކިއުޕީ މެޔޮނައިސް، އެއް ސައިސަމުސާ ތެޅިމިރުސް، ކުދިކޮށް ކޮށާފައިވާ ޓޮމޭޓޯއެއް، އޮލިވް އޮއިލް، ޗިލީ ސޯސް އަދި އޮއިސްޓަރ ސޯސް ހިމެނެއެވެ. މީގެ އިތުރުން ރަހަ ޖެއްސުމަށް ލޮނާއި އަސޭމިރުސް އަދި ޝަވަރުމާ ވްރެޕް ބޭނުންވާނެއެވެ. ބޭނުންނަމަ އިތުރު ތަރުކާރީ ވެސް މީގައި ބޭނުންކުރެވިދާނެއެވެ.

ތައްޔާރުކުރާނެ ގޮތަކީ، ތަވަޔަކަށް އޮލިވް އޮއިލް އެޅުމަށްފަހު ކޮށާފައި ހުރި ޓޮމޭޓޯއާއި، ޗިކްޕީސް އަދި ބޭނުންވާ ތަރުކާރީތައް ކުދިކޮށް ކޮށާލާފައި އަޅާލާނީއެވެ. ދެން ތެޅިމިރުސް، ލޮނު، އަސޭމިރުސް އަދި ސޯސްތައް އަޅައިގެން ތަރުކާރީކޮޅު ރަނގަޅަށް ފްރައިކޮށްލާށެވެ. އެއަށްފަހު ޝަވަރުމާ ރޮށީގެ ތެރެއަށް މި ތައްޔާރުކުރި މިކްސް އެޅުމަށްފަހު، ކިއުޕީ މެޔޮނައިސް އަދި ބޭނުންވާ އިތުރު ސޯސްއެއް އަޅައި ރީތިކޮށް އޮޅާލާށެވެ. އެންމެ ފަހު ކަމަކަށް ތަވައެއްގައި ޝަވަރުމާގެ ހުރިހާ ފަރާތެއް ރީތިކޮށް ފިހެލުމުން، މީރު ސެލެޑަކާއެކު ކާލަން މިހިރީ ތައްޔާރުވެފައެވެ.