ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމުގެ ގޮތުން "ދޮރުންދޮރަށް" ޕްރޮގްރާމް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިފިއެވެ. ރައީސް މިއަދު އަމަލީގޮތުން މި ހަރަކާތުގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުންނެވެ.
ޕީއެންސީގެ އޮފީހުން ބުނީ، ރައީސް މުއިއްޒު މިއަދު މެންދުރު ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި ގިނަ ބަޔަކާ ބައްދަލުކުރައްވާފައި ކަމަށެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި، އެ ޕާޓީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް ރައީސްގެ އަރިހުގައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި އިންތިހާބާ ގުޅޭގޮތުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އެ ޕާޓީން މަދުވެގެން 800 ގޮނޑި ކާމިޔާބު ކުރާނެ ކަމަށެވެ. އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ކާމިޔާބު ކޮށްފައިވާކަން ފާހަގަކުރައްވަމުން، ފަލާހު ވިދާޅުވީ އަމާޒަކީ 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބު ކުރުން ކަމަށެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ ގޭގެއަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެއެވެ. މީގެ ކުރިން ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ރައީސް ވަނީ ގޭގެއަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ. އެ ފަހަރުގެ އިންތިހާބުގައި އެ ޕާޓީން ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދާފައެވެ.
