ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިހްޔާ ފޯރަމްތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ. މި ފޯރަމް އޮންނާނީ މިރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މިނިސްޓްރީން ބުނީ، މިރޭ ބާއްވާ ފުރަތަމަ ފޯރަމްގައި މައުލޫމާތު ދެއްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ. މިރޭގެ ފޯރަމަށް ކަނޑައަޅާފައިވާ ހާއްސަ މައުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" މިއެވެ. މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ދީނީ މައުލޫމާތު މުއްސަނދިކުރުމާއި، ބަރަކާތްތެރި ރޯދަ މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

މި އަހަރުގެ އިހްޔާ ފޯރަމްތައް މާލޭގެ އިތުރުން އަތޮޅުތެރޭގެ 10 ރަށެއްގައި ވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، މި ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް އަގުހުރި ހާއްސަ އިނާމުތަކެއް ދިނުމަށް ވެސް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިފަދަ ފޯރަމްތަކުގެ ސަބަބުން ދީނީ ކަންކަމަށް އާންމުންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުވެ، ރޯދަ މަހުގެ ރޫހާނީ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، މިރޭގެ ފޯރަމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަކީ އެ އޮފީހުގެ ވަރަށް ބޮޑު އެދުމެކެވެ.