ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވި 38 މީހުން މިދިޔަ އަހަރުގެ ތެރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އޮފީހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އަނިޔާ ލިބޭ މީހުންގެ ހިމާޔަތުގައި ނެރޭ ކޯޓު އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުން ހާމަކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކާ ގުޅިގެން 38 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 24 މައްސަލައެއްގައި ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ވަނީ ހުށަހަޅާފައެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ އަނިޔާގެ އަމަލެއް ތަކުރާރުވެދާނެ ކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ.

ފުލުހުން ބުނި ގޮތުގައި މިފަދަ އަމުރުތައް ނެރުމުގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި އެ މީހުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ. ރާއްޖޭގައި ގެވެށި އަނިޔާއާއި ޖިންސީ ގޯނާގެ މައްސަލަތައް ގިނަކަން ފާހަގަކުރެވޭއިރު، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ.