އިސްލާމްދީނުގައި ކައިވެންޏަކީ ހަމައެކަނި މީހަކު ކޮންޓްރޯލްކުރުމެއް ނުވަތަ ބޮޑާކަން ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި ކައިވެނީގެ ބިންގަލަކީ އޯގާތެރިކަމާއި، ކުލުނާއި، އެކަކު އަނެކަކަށް ކުރާ އިހުތިރާމެވެ. އިސްލާމްދީނުގައި ފިރިމީހާއަށް އަމުރުކުރައްވާފައިވަނީ އަނބިމީހާއަށް ހެޔޮކޮށް ހިތުމަށާއި، އޭނާގެ ކަރާމާތް ރައްކާތެރިކުރުމަށެވެ. އިސްލާމްދީނުގައި ނަފްސާނީ އަދި ޖަޒުބާތީ ގޮތުން ދެވޭ އަނިޔާތަކަކީ ވަރަށް ސީރިއަސް ކަންކަމެވެ. ހަރުކަށި ބަސްތަކާއި، އިހުމާލުވުމާއި، ދަށްކޮށްލުމަކީ ހިތުގައި ފުން ޒަޚަމްތަކެއް އުފައްދާ ކަންކަމެވެ. ރަސޫލާ ﷺ އެކަލޭގެފާނުގެ ވަދާޢީ ޙައްޖުގެ ޚުޠުބާގައި އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި އަންހެނުންނަކީ މާތްﷲ ފިރިހެނުންނާ ހަވާލުކުރައްވާފައިވާ އަމާނާތެއްކަން ހަނދާންކޮށްދެއްވިއެވެ. އަނިޔާވެރިކަމާއި ބޮޑާކަމުގެ ސަބަބުން އަނބިމީހާގެ ލޮލުން އޮހޭ ކަރުނައަކީ މާތްﷲ ބައްލަވައިވޮޑިގެންވާ ކަމެކެވެ. އެކަލާނގެއީ އަދުލުވެރި، ހުރިހާ އަޑެއް އައްސަވާވޮޑިގެންވާ އިލާހެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَنْ يَأْتِينَ بِفَاحِشَةٍ مُبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِنْ كَرِهْتُمُوهُنَّ فَعَسَىٰ أَنْ تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް حلال ވެގެންވާ ކަމެއްނޫނެވެ. އަދި، ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބަޔެއް އަތުލައިގަތުމަށްޓަކައި އެކަނބަލުންނަށް ދަތިނުކުރާށެވެ! އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ." މިއީ އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ ވާޖިބެކެވެ.

އިސްލާމީ ތާރީޚުން ފެންނަން އޮތް ގޮތުގައި، ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ އަރިހަށް އަންހެނަކު އޭނާގެ ފިރިމީހާގެ ޝަކުވާއާއިގެން ދިޔުމުން، އެކަލޭގެފާނު ވަނީ އެކަނބަލޭގެ ވާހަކަ ވަރަށް ކަނުލައި އަޑުއައްސަވައި އިންޞާފު ގާއިމުކޮށްދެއްވާފައެވެ. މިއިން އެނގެނީ އިސްލާމީ މުޖުތަމައުގައި އަންހެނުންގެ އިހުސާސްތަކަށް ދެވުނު އަހައްމިއްޔަތެވެ.

ކީރިތި ރަސޫލާ ﷺ އަކީ ދުވަހަކުވެސް އަންހެނެއްގެ ގައިގައި ޖެއްސެވި ބޭކަލެއް ނޫނެވެ. އަދި އަނބިއަނބިކަނބަލުންނަށް ދަށްބަހެއް ވިދާޅުވެ އިހާނެތިކޮށެއް ނުހިއްތަވައެވެ. އިސްލާމްދީނުގައި ފިރިހެންވަންތަކަމަކީ އަނބިމީހާ ބިރުގަންނަވައިގެން ގެންގުޅުމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސު ކޮންޓްރޯލްކޮށް، އޯގާތެރިކަމާއެކު ލީޑަޝިޕް ނެގުމެވެ. އަނިޔާވެރިވުމަކީ "ޡުލްމް" އެކެވެ. މާތްﷲ ވަނީ އަނިޔާވެރިވުން ހަރާމްކުރައްވާފައެވެ.

وَأَمَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ ۗ وَاللَّهُ لَا يُحِبُّ الظَّالِمِينَ "އަދި، إيمان ވެ، صالح عمل ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ ފުރިހަމަޔަށް އެއުރެންނަށް، އެކަލާނގެ ދެއްވާނެތެވެ. އަނިޔާވެރިންދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ." 

ކައިވެނީގެ ތެރޭގައި ދެބަސްވުންތަކާއި ހިތްހަމަނުޖެހުންތަކަކީ އިންސާނީ ތަބީއަތެވެ. ނަމަވެސް، ފާފައަކަށް ވަނީ ގަސްތުގައި ދެވޭ އަނިޔާއާއި، އިހުމާލުވުމާއި، އަނބިމީހާގެ ހިތުގައި ޖެއްސުމެވެ. އަނިޔާ ލިބޭ މީހާ ކުރާ ދުޢާއާއި މާތްﷲ އާ ދެމެދު އެއްވެސް ހުރަހެއް ނުވެއެވެ. ރޭގަނޑުގެ ހިމޭންވަގުތު އަނބިމީހާ ކުރާ ދުޢާއާއި އޮހޮރާ ކަރުނައަކީ ފިރިމީހާއާ ދެކޮޅަށް ގިޔާމަތް ދުވަހު ހެކިބަސް ދޭނެ އެއްޗެހިކަމުގައި ވެދާނެއެވެ.

އެހެންނަމަވެސް، އިސްލާމްދީނަކީ ތައުބާވުމުގެ ދޮރު ހުޅުވިފައިވާ ދީނެކެވެ. ފިރިމީހާއަށް ކުރެވުނު ކުށް އިހުސާސްވެ، މާފަށް އެދި، އުޅުން އިސްލާހުކޮށްފިނަމަ، މާތްﷲ އީ ފާފަ ފުއްސަވާ އޯގާތެރި އިލާހެވެ. ކައިވެނީގެ ތެރޭގައި ހަމަޖެހުމާއި އުފާވެރިކަން ގެނެވޭނީ ދެމަފިރިން އެކަކު އަނެކަކަށް އިހުތިރާމްކޮށް، ފިރިމީހާއީ އަނބިމީހާގެ ކަރުނަ ފޮހެދޭ މީހާ ކަމުގައި ވެގެންނެވެ.

މި ލިޔުމަކީ ބައިނަލްއަޤުވާމީ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް، އިސްލާމީ އާއިލީ ދިރިއުޅުމާއި އަނބިންނަށް އިހުތިރާމްކުރުމާ ގުޅޭގޮތުން ދެއްވާފައިވާ ދަރުސްތަކާއި އިރުޝާދުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލިޔުމެކެވެ.