އެހެން މަސްތަކާއި ޚިލާފަށް ރޯދަމަހު މިސްކިތްތަކުން ލިއްބައިދޭ ް އިހުސާސްތައް ތަފާތެވެ. ރޯދައަށް ތިބެ އަހަރުމެންގެ މި ‘ބިޒީ’ ދިރިއުޅުމުން ގިނަ ވަގުތުތަކެއް މިސްކިތްތަކަށް ޚައްޞަވެގެންދާ މަންޒަރު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ.

ދުވާލުގެ ހުރިހާ ވަގުތަކާއި ރޭގަނޑުގެ ހަމަ ހުރިހާ ވަގުތެއްގައިހެން، ކުޑަކުދިންނާއި ބޮޑެތި މީހުން، ދެޖިންސުގެ މީހުން އަޅުކަމައިގެން މަސްޢޫލުވަމުންދެއެވެ. މިސްކިތުގެ އެކި ހިސާބުތަކުގައި ނަމާދުތައް ކުރަމުންދާ މީހުންނެވެ. الله އަށް ދަންވައި ޛިކްރު ކުރުމުގައި ތިބޭ މީހުންނެވެ. އެކި ހިސާބުތަކުގައި ޤުރުއާން ކިޔެވުމަށް ތިބޭ އެކި ޢުމުރުފުރާގެ އެތައް ބައެކެވެ.

ރޯދަވިއްލުމާއި ކައިރިވަމުންދާ ވަރަކަށް  މިސްކިތްތަކުގައި ރޯދަވިއްލުމުގެ އިންތިޒާމުތައް ފެށިގެންދެއެވެ. ހެޔޮއެދޭ ފަރާތްތަކުން ގެންނަ އެކި ވައްތަރުގެ ޖޫހާއި ކެއުމުގެ ބާވަތްތަުން ޚާއްޞަކުރެވިފައިވާ ސުފުރާމަތި ފުރާލައެވެ. އެއާއެކު ގިނަ ޢަދަދެއްގެ ބަޔަކު ކިޔޫހަދައި ރޯދަވިއްލުމަށް ބޭނުންވާ ތަކެތި އަތްމަތި ކުރެއެވެ. މިއީ އެންމެން އެކުއެކީ އުފާވެރި މާޙައުލެއް މުޅި މިސްކިތުގެ ގޯތިތެރެއިން ފެނިގެންދާ ހިތްގައިމު ވަގުތެކެވެ.

ދެން އަންނަނީ ތަރާވީޙާއި އެއަށް ފަހު ދަމު ނަމާދުގެ ޖަމާޢަތްތަކެވެ. ހަމަ ކޮންމެ މިސްކިތެއްގެ ސަފުތައް މިސްކިތުން ނުކުމެ މަގުތަކާ ހަމައަށް ދެމިގެންދެއެވެ. މިއީ އެހެން މަސްތަކުގައި ހަމައެކަނި ހުކުރުގެ ޖަމާޢަތުން ފެނިގެންދާ މަންޒަރެކެވެ.

ކޮންމެއަކަސް މިއީ އަޅުކަމުގެ މައްސަރެވެ. ހެޔޮފޯރުވުމާއި، މުޖުތަމަޢުގެ ގުޅުންތައް އުފައްދައި އާލާކުރުމުގެ މައްސަރެވެ. މި އެންމެހަްި ކަމެއް ފެށިގެން އަންނަނީ މިސްކިތްތަކުންނެވެ. ޖޯޝާއި ފޯރީގައެވެ. ހުރިހާ ޢުމުރުފުރައެއް ޝާމިލުވާ ގޮތުންމެއެވެ.