ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު "އެމްއެސް ކްރިސްޓަލް ސިމްފަނީ" ނަމަކަށް ކިޔާ ކްރޫޒްލައިނާއެއް ރާއްޖެއަށް އަތުވެއްޖެއެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ހަތްވަނަ ކްރޫޒްލައިނާއެވެ. ސީޝެލްސް އިން ފުރައިގެން ރާއްޖެއަށް މި ބޯޓު އައީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓް (މާޔާ) އިން ބުނީ، މި ކްރޫޒްލައިނާގައި ޖުމްލަ 548 ޓޫރިސްޓުންނާއި 489 ކްރޫއިން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. މި ބޯޓުން އައި ޓޫރިސްޓުން މާލެއަށާއި ކައިރި ރަށްތަކަށް ޒިޔާރަތްކޮށް، ރާއްޖޭގެ ރީތިކަން ބަލައިލުމުގެ ފުރުސަތު ވަނީ ހޯދާފައެވެ. މި ބޯޓު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 7:30 ގައެވެ.
އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުން ވަނީ މި ބޯޓުން އައި ފަސިންޖަރުންނާއި ކްރޫންނަށް ބޭނުންވާ ކްލިއަރެންސް ދިނުމުގެ މަސައްކަތް އިއްޔެ ކޮށްފައެވެ. ކަނޑުމަގުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މިހާރަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
ކްރޫޒް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒްލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިފަދަ ބޮޑެތި ބޯޓުފަހަރު ރާއްޖެއަށް ޒިޔާރަތްކުރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޓޫރިޒަމް ސިނާއަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
