ބަރަކާތްތެރި ރަމަޟާން މަހަކީ ރޫހާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އަމިއްލަ ނަފްސު ތަރުބިއްޔަތުކޮށް، މާތް ﷲ ގެ ހަޟްރަތަށް ކުއްތަންވުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސުމާ ހަމައަށް ކެއިންބުއިމުން ދުރުހެލިވެ ތިބޭއިރު، ހަށިގަނޑަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމެވެ. އެހެންކަމުން، ރޯދަ ހިފާ ވަގުތުތަކުގައި ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، އިރުއޮއްސުމާއި ހާރުވަގުތާ ދެމެދު ބޯ ފެނުގެ މިންވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ހަށިގަނޑަށް ފެން ބޭނުންވަނީ ހަމައެކަނި ކަރުހިއްކުން ފިލުވާލުމަކަށް ނޫނެވެ. ފެނަކީ ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށާއި، ހާއްސަކޮށް ރާއްޖެ ފަދަ ހޫނު ގައުމުތަކުގައި ހަށިގަނޑު މާބޮޑަށް ހޫނުވިޔަނުދީ ސަލާމަތްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން، ފެނަކީ ކާނާ ހަޖަމުކުރުމަށާއި ކާނާގައި ހިމެނޭ ފައިދާހުރި މާއްދާތައް ހަށިގަނޑަށް ދަމައިގަތުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ހަށިގަނޑުން ފެން މަދުވުމަކީ ބޯ އެނބުރުމާއި، ބޮލުގައި ރިއްސުން އަދި ވަރުބަލިކަން އިހުސާސްވާ ކަމެކެވެ. ހަމައެހެންމެ، ކިޑްނީގެ ދުޅަހެޔޮކަމަށާއި ހަށިގަނޑުން ބޭކާރު މާއްދާތައް ބޭރުކުރުމަށް ފެނަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ.

އިރުއޮއްސުމާއި ފަތިސްވުމާ ދެމެދު އޮންނަ ވަގުތުކޮޅަކީ ދުވާލު ވަގުތު ހަށިގަނޑުން މަދުވި ފެން އަނބުރާ ހޯދުމަށް ލިބޭ ހަމައެކަނި ފުރުސަތެވެ. މި ވަގުތުތަކުގައި އެއްފަހަރާ ގިނަ އަދަދަކަށް ފެން ބުއިމުގެ ބަދަލުގައި، މަދު މަދުން މުޅި ރޭގަނޑަށް ބަހާލައިގެން ފެން ބުއިމަކީ ބުއްދިވެރި ގޮތެކެވެ. އެއްފަހަރާ މާގިނައިން ފެން ބުއިމުން ހަށިގަނޑަށް އެ ފެން ނުހިފޭގޮތްވެ، އަވަސް އަވަހަށް ފާހާނާއަށް ދާންޖެހި، ހަށިގަނޑަށް އެންމެ އެދެވޭ ފައިދާ ނުލިބިދާނެއެވެ. ރޯދަ ވީއްލާ ވަގުތު ފޮނި ބުއިންތަކުގެ ކުރިން ފެން ތަށްޓެއް ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ކެއުމުގައި ކަދުރު، ކެކުރި އަދި ކަރާ ފަދަ ފެން ގިނަ މޭވާތައް ހިމެނުމަކީ ހަށިގަނޑަށް އިތުރު ފެނާއި އިލެކްޓްރޯލައިޓްސް ލިއްބައިދޭނެ ކަމެކެވެ. ހަމައާއެކު، ކެފެއިން އެކުލެވޭ ބުއިންތަކާއި މާ ބޮޑަށް ލޮނުގަދަ ކާނާތަކުން ދުރުހެލިވާންޖެހެނީ، އެތަކެތީގެ ސަބަބުން ހަށިގަނޑުން ފެން މަދުވާލެއް އަވަސްވާތީއެވެ.

ޞިއްޙީ މާހިރުން ލަފާދޭ ގޮތުގައި ބޮޑެތި މީހުން ދުވާލަކު 2 އާއި 3 ލިޓަރާ ދެމެދުގެ ފެން ބޯންޖެހެއެވެ. ރަމަޟާން މަހު މި މިންވަރު ހަމަކުރުމަށްޓަކައި "2-4-2" ގެ އުސޫލު ބޭނުންކުރެވިދާނެއެވެ. އެއީ ރޯދަ ވީއްލާ ގަޑީގައި 2 ތަށި ފެން، ރޭގަނޑުގެ ވަގުތުތަކުގައި 4 ތަށި ފެން، އަދި ހާރު ގަޑީގައި 2 ތަށި ފެން ބުއިމެވެ. އަނގަ ހިކުމާއި، ބޯ އެނބުރުމާއި، ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވުމަކީ ހަށިގަނޑުން ފެން މަދުވެފައިވާކަމުގެ ނިޝާންތަކެކެވެ.

ރަމަޟާން މަހު ފެން ބުއިމަކީ ހަމައެކަނި ކަރުހިއްކުން ފިލުވުމަށް ކުރާކަމެއް ނޫނެވެ. އެއީ އަޅުކަންތަކުގައި ހީވާގިކަމާއެކު ދެމިހުރުމަށާއި، ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ މުހިންމު ކަމެކެވެ. ރޭގަނޑުގެ ވަގުތުތަކުގައި ރަނގަޅަށް ފެން ބުއިމަށް އިސްކަން ދިނުމަކީ، ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަ ސިއްހަތެއްގައި އަދާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

 

ހަވާލާ: އަލް އަޒްހަރް ޔުނިވަރސިޓީ (2021)