ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ އެއާޕޯޓުން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވީއައިއޭގެ ޑޮމެސްޓިކް އޮޕަރޭޝަން، ޓަރމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ. އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވައި، އިރުޝާދާއި ލަފާފުޅު ދެއްވާ ކަމަށްޓަކައި ޝަރީފް ވަނީ ރައީސްއަށް ޝުކުރު ދަންނަވާފައެވެ.
ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ވީއައިއޭގެ ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ޕީކް ސީޒަންތަކުގައި ކުރީގެ ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހެއެވެ. ނަމަވެސް މި ބަދަލާއެކު އެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބި، ދަތުރުވެރިންނަށް ފަސޭހަވެގެންދާނެއެވެ. ޓަރމިނަލް 2 އަށް އޮޕަރޭޝަން ބަދަލުކުރީ އެމްއޭސީއެލްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހުއެވެ.
އާ ޓަރމިނަލްގައި ކުރީގެ 8 ޗެކް-އިން ކައުންޓަރުގެ ބަދަލުގައި މިހާރު 27 ކައުންޓަރު ހުންނާނެއެވެ. އަދި ސެކިއުރިޓީ ކްލިއަރެންސްއަށް 3 މެޝިނާއި، 6 ޑިޕާޗާ ގޭޓުގެ އިތުރުން، ނަމާދު ކޮޓަރި، ކުޑަކުދިންގެ ކުޅޭ ސަރަހައްދު އަދި ކާބޯތަކެތީގެ ހިދުމަތް ދޭ ތިން އައުޓްލެޓް ވަނީ ގާއިމުކޮށްފައެވެ. ފަސިންޖަރުންގެ ދަބަސްތައް ނެގުމަށް ވެސް ކުރިއަށްވުރެ ހަތަރު ގުނަ ބޮޑު ދެ ބެލްޓް މިހާރު ބޭނުންކުރެވޭނެއެވެ. މިއީ ހިދުމަތުގެ ފެންވަރު ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު މުހިންމު މަސައްކަތެކެވެ.
