ކެންސަރުގެ ނުރައްކާތެރި ސެލްތައް ނައްތާލުމުގެ ބަދަލުގައި، އެ ސެލްތައް އަލުން އަނބުރާ އާދައިގެ ދުޅަހެޔޮ ސެލްތަކަކަށް ބަދަލުކުރެވިދާނެ ގޮތެއް ދެކުނު ކޮރެއާގެ ސައިންސްވެރިން ހޯދައިފިއެވެ. މިއީ ކެންސަރު ބަލިމަޑުކަމަށް ފަރުވާ ދިނުމުގައި ދުނިޔޭގެ ސިއްހީ ދާއިރާއަށް ލިބުނު އިންގިލާބީ ކުރިއެރުމެއް ކަމަށް ތަޖުރިބާކާރުން ސިފަކުރެއެވެ.
ދެކުނު ކޮރެއާގެ ކައީސްޓް (KAIST) ގެ ދިރާސާވެރިން ކުރި މި ހޯދުމުން ދައްކައިދޭ ގޮތުގައި، ކެންސަރު ސެލްތަކަކީ އޭގެ އަސްލު ދުޅަހެޔޮ ހާލަތަށް ރުޖޫޢަކުރެވިދާނެ އެއްޗެކެވެ. މީގެ ކުރިން ކެންސަރަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ކީމޯތެރަޕީ ފަދަ އުސޫލުތަކަކީ ކެންސަރު ސެލްތަކާ އެކު ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ވެސް ގެއްލުންދޭ ކަންކަމެވެ. ނަމަވެސް މި އާ ހޯދުމުގެ ސަބަބުން، ހަށިގަނޑުގެ އެހެން ސެލްތަކަށް ގެއްލުން ނުދީ ހަމައެކަނި ބަލި ސެލްތައް ރަނގަޅުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި މިކަން ކުރަނީ ސެލްތަކުގެ ތެރޭގައި ހުންނަ ވަކި ހާއްސަ ޕްރޮޓީންތަކަކަށް ބަދަލު ގެނެސްގެންނެވެ. މި ބަދަލާއެކު ކެންސަރު ސެލްތައް އޭގެ ނުރައްކާތެރި ސިފަ ދޫކޮށް، އާދައިގެ ސެލްތަކެއްގެ ގޮތުގައި މަސައްކަތްކުރަން ފަށައެވެ. މި ހޯދުމުގެ ސަބަބުން ކެންސަރު ބަލިމަޑުކަމަށް ފަރުވާ ދިނުމުގައި ބޭނުންކުރާ އުސޫލުތަކަށް ބޮޑު ބަދަލެއް އައިސް، މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް މުޅިން އާ އުންމީދެއް ވަނީ ލިބިގެންގޮސްފައެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ހޯދުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފަރުވާތަކަކީ ބަލިމީހުންނަށް އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭނެ، އަދި ކާމިޔާބީގެ ނިސްބަތް މަތިކޮށްދޭނެ ފަރުވާތަކަކަށް ވާނެއެވެ.
