ލޭޒަރު ޓެކްނޮލޮޖީއަށް ގެނައި އާދަޔާޚިލާފު ކުރިއެރުމަކާއެކު، އާންމުކޮށް ބޭނުންކުރާ ބިއްލޫރީގައި 10،000 އަހަރުގެ މުއްދަތަށް ޑިޖިޓަލް ޑޭޓާ ރައްކާކުރެވޭނެ ގޮތެއް މައިކްރޮސޮފްޓުން ވަނީ ހޯދާފައެވެ. މިއީ ޑޭޓާ ސްޓޯރޭޖްގެ ދާއިރާއަށް އަންނާނެ ބޮޑު އިންގިލާބީ ބަދަލެއް ކަމަށް ސައިންސްވެރިން ސިފަކުރެއެވެ.
މި އައު އީޖާދުގެ ދަށުން ބިއްލޫރިގަނޑެއްގެ ތެރޭގައި ވަރަށް ކުދިކުދި ފަށަލަތަކެއްގެ ގޮތުގައި މައުލޫމާތު ރައްކާކުރެވޭނެއެވެ. މިހާރު އާންމުކޮށް ބޭނުންކުރާ ހާޑްޑްރައިވް ނުވަތަ އެސް.އެސް.ޑީ ތަކަކީ ވަކި މުއްދަތެއްގެ ފަހުން ހަލާކުވާ އެއްޗިއްސަށް ވިޔަސް، މައިކްރޮސޮފްޓުން އުފެއްދި މި ބިއްލޫރިގަނޑަކީ ފެނާއި، ހޫނާއި އަދި ތިމާވެށީގެ އެކި ގޮންޖެހުންތަކަށް ކެތްކުރެވޭނެހެން ފަރުމާކޮށްފައިވާ ވަރުގަދަ އެއްޗެކެވެ.
މީގެ ސަބަބުން، ދިގު މުއްދަތަކަށް ރައްކާކުރަންޖެހޭ ތާރީޚީ ލިޔެކިޔުންތަކާއި، ސަރުކާރުތަކުގެ މުހިންމު މައުލޫމާތުތައް އެއްވެސް އުނިކަމެއް ނައިސް އެތައް ހާސް އަހަރަކަށް ރައްކާތެރިކޮށް ބެހެއްޓޭނެ މަގު ވަނީ ތަނަވަސްވެފައެވެ. މައިކްރޮސޮފްޓުން ބުނާ ގޮތުގައި މިއީ ޑޭޓާ ސްޓޯރޭޖްގެ ޚަރަދު ކުޑަކޮށް، އިތުބާރު ހުރި ގޮތެއްގައި މައުލޫމާތު ރައްކާކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ޓެކްނޮލޮޖީގެ އެހީގައި މުސްތަގުބަލުގައި ޑޭޓާ ސެންޓަރުތަކުގެ ސައިޒު ކުޑަވެ، މައުލޫމާތު ރައްކާކުރުމަށް ބޭނުންވާ ހަކަތަ ވެސް ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެ ކަމަށް ބެލެވެއެވެ.
