މާލޭގެ ޖުމްހޫރީ މައިދާން އާބާތުރަފިލުވައި ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ބޮޑުބައެއް ނިންމުމަށްފަހު، އެ ސަރަހައްދު ވަގުތީގޮތުން މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ. މި ސަރަހައްދު ހުޅުވާލާފައިވަނީ ކުރަންޖެހޭ މަސައްކަތްތަކުގެ 90 އިންސައްތަ ނިމުމާ ގުޅިގެންނެވެ.
ޖުމްހޫރީ މައިދާނަށް ބައެއް ބަދަލުތައް ގެނައުމަށާއި އާބާތުރަފިލުވުމަށް އެ ސަރަހައްދު ބަންދުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން މައިދާނުގައި ހުރި ބުރުތައް މަރާމާތުކޮށް، އިށީންނާނެ ރީތި ބެންޗުތައް މިހާރު ވަނީ ބަހައްޓާފައެވެ. އަދި ރީތި މާގަސްތައް އިންދައި، މުޅި ސަރަހައްދު ވަނީ ކުރިއަށްވުރެ ހިތްގައިމުކޮށް ޒީނަތްތެރިކޮށްފައެވެ.
އާރުޑީސީން މައުލޫމާތު ދެއްވި ގޮތުގައި، މައިދާން ހުޅުވުން ލަސްވެގެން ދިޔައީ ފްލޯރިންއަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގައި ދިމާވި ދަތިތަކަކާ ގުޅިގެންނެވެ. ނަމަވެސް، ރޯދަމަހަކީ ގިނަ އަދަދެއްގެ ބަޔަކު ހިތްފަސޭހަކޮށްލުމަށް މި މައިޒާން ބޭނުންކުރާ ދުވަސްވަރަކަށް ވާތީ، އާންމުންގެ ލުއިފަސޭހައަށްޓަކައި އެ ސަރަހައްދު މިހާރު ހުޅުވާލަން ނިންމީ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވަގުތީގޮތުން މައިދާން ހުޅުވާލި ނަމަވެސް، އެ ސަރަހައްދު ފެހިކުރުމުގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީ، އެ ސަރަހައްދު ބޭނުންކުރާއިރު އެކަމަށް ސަމާލުވުމަށް އާރުޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
