ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ގެއްލިފައިވާ 30 އަހަރުގެ ޒުވާނަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާލެއިން ގެއްލިގެން ހޯދަމުން އަންނަނީ ހ. ފެވަރިޓްވިލާ، އިބްރާހީމް އިމްތިޔާޒް އަލީ ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 13 ވީ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 1:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިންނެވެ.

އާއިލާއިން ފުލުހަށް މި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރުއެވެ. ފުލުހުން ބުނި ގޮތުގައި އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން އޭނާގެ އެއްވެސް ހަބަރެއް އާއިލާއަށް ވެފައެއް ނުވެއެވެ. މައްސަލަ ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ ޑިޕާޓްމަންޓްތަކެއް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ.

އިބްރާހީމް އިމްތިޔާޒް އަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.