އެއްދުވަހަކު ރަސޫލުالله ގެފާނު މަރުވަމުންދާ ޒުވާން ޢުމުރުގެ ކުއްޖެއް ގާތަށް ވަޑައިގެން ހާލަތު އެއްސެވިއެވެ. އެޒުވާނާ ބުންޏެވެ. “އޭ الله ގެ ރަަސޫލާއެވެ. އަހަރެން ހުވާކޮށްފައި ބުނަމެވެ. އަހަރެން الله އާމެދު އުއްމީދު ކުރަމެވެ. އަދި އަހަރެންނަށް ކުރެވިފައިވާ ފާފަތަކާމެދު އިންތިހާއަށް ބިރުވެތިވަމެވެ.”  ރަސޫލުالله ގެފާނު ވިދާޅުވިއެވެ. “ތިޔަ ދެކަންތައް އެއްތަނެއްގައި ވިޔަކަ ނުދެއްވާނެއެވެ. ތިބާ އުއްމީދުކުރި ފަދަ ކަމެއް الله ތިބާއަށް ދެއްވާނެތެވެ. އަދި ތިބާ ބިރުގެތް ކަންތަކުން الله ތިބާ ރައްކާތެރިކޮށްދެއްވާނެތެވެ”.

މާތް الله އަށް އުއްމީދުކުރުމަކީ، އެކަލާނގެ ރަޙްމަތްތަކާއި މެދު އެއްވެސް ޝައްކެތްނެތި އިތުބާރު އޮތް ޙާލު އެކަންކަމަށް އެދުމެވެ. އެހެނީ ޝައްކާއި ވަހުމާއެކު ކުރާނެ އުއްމީދެއް ނޯންނާނެއެވެ. އޭގައި ފައިދާއެއް ނުމެވާނެއެވެ. މީހާއަށް ހުރެވޭނީ ޔަޤީންކަމެއްނެތި ބިރެއްގެ ތެރޭގައެވެ.

މާތް الله އަށް އުއްމީދުކުރުންމަތީ ދެމިތިބުމަށްޓަކައި:

  • އެކަލާނގެ ނިޢުމަތްތަކަށް ވިސްނާށެވެ.

  • އެކަލާނގެ ދެއްވާނެކަމަށަ ވަޢުދުވެވޮޑިގެންފައިވާ ކަންކަމުގެ މަތީން ހަނދާންކުރާށެވެ.

  • އެކަލާނގެ އޯގާވަންތަކަމާއި ރަޙްމަތްވަންތަކަން ހިތަށް ގެންނާށެވެ.

  • އެކަލާނގެ ސިފަފުޅުތަކުގެ މަތީން ހަނދުމަކުރާށެވެ. މިސާލަކަށް ޢަފޫކުރެއްވުމާއި، އައްސަވާ ވޮޑިގެންވުމާއި، ބައްލަވާ ވޮޑިގެންވުމާއި، އެންމެ އޯގާވަންގަ ކަންފަދަ ސިފަފުޅުތަކުގެ މަތީން ގިނަގިނައިން ހަނދާންކުރާށެވެ.

މިފަދައިން ޢަމަލުކުރާ މީހާ އެއްވެސް ޝައްކެތްނެތި اللهً އާމެދު މާޔޫސް ނުވާނެއެވެ. އޭނާ ވާނީ އުއްމީދުނަ ފުރިފައެވެ. ޔަޤީންކަމުން ފުރިފައެވެ. ޙަޔާތުގައި ފެންނާނީ ހިތްހަމަޖެހިލައިގެން ހުންނަ މީހެއްގއ ގޮތުގައެވެ. އެފަދަ މީހަކަށް މާތް الله ފުދިގެން ވާނެއެވެ.