ބަލި ކޮންޓްރޯލްކުރަން ފަސޭހަވާނީ ސީދާ ލޮކްޑައުނަކަށް ގޮސްގެން ކަމަށް ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޝީނާ ވިދާޅުވީ މާލެ ލޮކްޑައުންއަކަށް ދިއުމަށް ފަހު، ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދިން އިރުވެސް ޕޮޒިޓިވް ކޭސްތައް އިތުރުވާނެކަން އެޗްޕީއޭ އަށް އެނގޭ ކަމަށެވެ.

ސިއްހީ ތަޖުރިބާކާރުން ތިއްބެވީ ފިޔަވަޅުތަކަކަށް ގިނަ ބަޔަކު ބޯލަނބާނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް ހީކުރިވަރަށް ވުރެވެސް ހާލަތު ގޯސްވެފައިވާ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ކޮވިޑަށް ޚާއްސަކުރި އެނދުތަކުގެ 62 ޕަސެންޓް ފުރި، މިބަލީގައި ހަފުތާއެއްގެ ތެރޭގައި ހަތަރު މަރަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ވިދާޅުވިއެވެ. 

ޑރ. ޝީނާ ވިދާޅުވީ އާއްމު ދިރިއުޅުމުގެ ހާލަތަށް ބަލައި މާލެ ސަރަހައްދަށް އެންމެ ރަނގަޅު ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަންނަން ޖެހޭ ކަމަށާއި ލޮކްޑައުނަކަށް ނުދިޔަސް މިހާރުގެ ހާލަތުން، އެޗްޕީއޭގެ ފިޔަވަޅުތައް އަލުން ބަލައި ހަރުކަށި ކުރަން ޖެހިފައިވާ ކަމަށެވެ. 

މިދިޔަ މާޗް 7 ގައި ރާއްޖެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން މިހާތަނަށް 6660 މީހަކަށް އެބަލި ވަނީ ޖެހިފައެވެ. އަދި 26 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރޭން 4113 މީހުން ރަނގަޅުވި އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2521 އެވެ.