އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މީހުން މަރާނެ ގޮތްތަކާއި ނުރައްކާތެރި ވިހަ ތައްޔާރުކުރާނެ ގޮތް ހޯދައި، ދެ މީހަކު މަރާލި ކަމުގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ސޯލްއިން 21 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި މި އަންހެންމީހާގެ މައްޗަށް ކުރަނީ، ސޯލްގެ ގަންގްބުކް ސަރަހައްދުގެ މޮޓެލްތަކަށް އެކި ދުވަސްމަތިން ފިރިހެނުން ގެންގޮސް، އެމީހުންގެ ބުއިންތަކަށް ބެންޒޯޑިއާޒެޕިން ހިމެނޭ ނިދާ ބޭސް އަޅައިގެން މަރާލި ކަމުގެ ސީރިއަސް ތުހުމަތުތަކެކެވެ.
ފުލުހުން އެ އަންހެންމީހާގެ ފޯނު ތަހުގީގު ކުރިއިރު، އޭނާ ޗެޓް ޖީޕީޓީ ބޭނުންކޮށްގެން ނުރައްކާތެރި މައުލޫމާތުތަކެއް ހޯދާފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން ނިދާ ބޭހާއި އަލްކޯހޯލް އެއްކުރުމުން ހަށިގަނޑަށް ވާނެ ގޮތްތަކާއި، އެއީ މީހަކު މަރުވެދާނެ ކަމެއްތޯ ބެލުމަށް އޭނާ ވަނީ އޭއައި އާ އެތައް ސުވާލެއް ކޮށްފައެވެ. އޭނާގެ ދިފާއުގައި ބުނެފައިވަނީ އެމީހުން މަރާލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، ބޭނުންވީ ހަމައެކަނި އެމީހުން ނިންދަވާލުމަށްފަހު ފައިސާ ފޭރުން ކަމަށެވެ. ނަމަވެސް އޭނާ ކޮށްފައިވާ ސާޗުތަކުން އެނގޭ ގޮތުގައި، އޭނާ އައީ އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް އޮޅުންފިލުވައި، ދޭ ވިހައިގެ މިންވަރު ކޮންމެ ފަހަރަކު އިތުރުކުރަމުންނެވެ.
މިފަދަ ނުރައްކާތެރި ކަންކަމަށް އޭއައި ބޭނުންކުރި މައްސަލަތައް މީގެ ކުރިން ދުނިޔޭގެ އެހެން ހިސާބުތަކުން ވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ޗެރީލް ހެރިސް ގޭޓްސް ކިޔާ އަންހެނަކު ވެސް ވަނީ ޗެޓް ޖީޕީޓީ ބޭނުންކޮށްގެން އޭނާގެ ފިރިމީހާއަށް ވިހަ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. މި ހާދިސާތަކަކީ ޒަމާނީ ޓެކްނޮލޮޖީ ނުބައި ގޮތުގައި ބޭނުންކުރުމުން މުޖުތަމައަށް ކުރިމަތިވެދާނެ ބިރުވެރިކަން ހާމަވެގެންދާ ކަންކަމެވެ. މިއީ އޭއައި ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމެއްކަން މި ހާދިސާއިން ހާމަވެއެވެ.
