މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަނޫން ގޮތެއްގައި މީހަކު ހިފަހައްޓައި ބަންދުކޮށްގެން އުޅުނު މައްސަލައެއްގައި، ފުލުހުން ބާރުގެ ބޭނުންކޮށްގެން އެ މީހާ ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:22 ގައެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހާ ބަންދުކޮށްފައި ހުރި ތަނަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެން ދޮރު ވައްޓާލައިގެންނެވެ. އަދި ދަންވަރު 02:29 އެހާކަންހާއިރު ރަހީނުކޮށްފައި ހުރި މީހާ ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިޤްބާލް މިއާ (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.