ހުޅުމާލެ ސެންޓްރަލް ޕާކްގައި ހިންގި މާރާމާރީއެއްގެ މައްސަލައިގައި ބަންގަލަދޭޝްގެ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިހާރު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގަލަދޭޝްއަށް އުފަން ދެ މީހުންނެވެ. އެއީ އުމުރުން 36 އަހަރުގެ ނަޔަން މިއާ އާއި އުމުރުން 35 އަހަރުގެ މުހައްމަދު މޮޝަރޮފް އެވެ.
މި ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް ކަސްޓޯޑިއަލް ޖަލެއްގައި ހަތް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
