9 ކްރޯރު ރުޕީސްގެ ޗެކް ބައުންސް މައްސަލައެއްގައި އިންޑިއާގެ ތިހާރު ޖަލުގައި ބަންދުކޮށްފައި ހުރި ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް، ދިއްލީ ހައި ކޯޓުން ދިން ވަގުތީ ކަފާލާތެއްގެ ދަށުން ޖަލުން ދޫކޮށްލައިފިއެވެ. ކޯޓުން ވަނީ ޔާދަވްގެ ޖަލު ހުކުމް އަންނަ މާރިޗު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފަސްކޮށްދީފައެވެ. މި ލުއި އޭނާއަށް ދީފައިވަނީ އާއިލީ ކައިވެންޏެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި ބެއިލް ލިބުނީ އޭނާގެ ޓީމުން 1.5 ކްރޯރު ރުޕީސް ކޯޓަށް ދެއްކުމާ ގުޅިގެންނެވެ.
މި މައްސަލައަކީ 2012 ވަނަ އަހަރު އޭނާ ޑައިރެކްޓްކުރި ފިލްމަކަށް ނެގި 5 ކްރޯރު ރުޕީސްގެ ލޯނަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. ރާޖްޕާލްގެ ވަކީލު ބާސްކަރު އުޕަދްޔާޔާ ބުނި ގޮތުގައި، މި ދަރަނީގެ މައްސަލަ ހޫނުވީ ވިޔަފާވެރިޔާ މަދަވް ގޯޕާލް އަގަރްވާލްއާ ދެމެދު އުފެދުނު ޒާތީ ހަސަދައެއްގެ ސަބަބުންނެވެ. މި މައްސަލައިގައި ފިލްމީ ދާއިރާގެ އެހެން ފަރާތްތަކުގެ އެހީތެރިކަން ޔާދަވްއަށް ލިބެމުންދާއިރު، މަޝްހޫރު އެކްޓަރު ކަމާލް އާރު ހާން ވެސް ވަނީ އޭނާއަށް މާލީ އެހީއެއް ހުށަހަޅާފައެވެ.
ޖަލުން ދޫކޮށްލުމާއެކު ދިން ފުރަތަމަ ބަޔާނުގައި ޔާދަވް ވަނީ އޭނާގެ އާއިލާއަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. ޖަލުގައި ހޭދަކުރި ދުވަސްތަކަކީ އާއިލާއާ ދުރުގައި ހުންނަން ޖެހުމުން ނަފްސާނީ ގޮތުން އުނދަގޫ ދުވަސްތަކެއް ނަމަވެސް، އެ ދުވަސްތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. އަދި ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، އޭނާގެ އަމާޒަކީ މިހާރު އަލުން ކެރިއަރު ބިނާކުރުން ކަމަށްވެސް ޔާދަވް ބުންޏެވެ.
