ބޮލީވުޑްގެ މަޝްހޫރު ތަރި މްރޫނާލް ތާކޫރް ދާދި ފަހުން ދިން އިންޓަވިއުއެއްގައި، އޭނާގެ ކުރީގެ ލޯބިވެރިޔާ އަމިއްލަ ނަފްސާ މެދު ޝައްކު އުފެދި ހަށިގަނޑަށް ގެނައި ބޮޑު ބަދަލެއްގެ ވާހަކަ ހިއްސާކޮށްފިއެވެ. މްރޫނާލް ބުނި ގޮތުގައި މިކަން ދިމާވީ ދެހާސް ނަވާރަ ވަނަ އަހަރު ރިތިކް ރޯޝަން އާއެކު ސުޕަ ތާޓީ ފިލްމު ކުޅެމުން ދިޔަ ދުވަސްވަރުގައެވެ. ރީތި ފިރިހެނުންނާއެކު މަސައްކަތްކުރާތީ އޭނާގެ ލޯބިވެރިޔާއަށް ކުރިމަތިވި ނަފްސާނީ އުނދަގޫތަކުގެ ސަބަބުން، ހަށިގަނޑު ރީތިކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ފެށިއެވެ.
ޔޫޓިއުބް ޗެނަލަކަށް ދިން މި އިންޓަވިއުގައި މްރޫނާލް ކިޔައިދިން ގޮތުގައި، އޭނާގެ ލޯބިވެރިޔާ ކަސްރަތުކޮށް ފަނަރަ ކިލޯ އާއި ސަތާރަ ކިލޯއާ ދެމެދުގެ ބަރުދަނެއް ލުއިކުރިއެވެ. ނަމަވެސް އެގޮތުގައި ގިނަ ދުވަހު ނުހުރެވި، ކަސްރަތު ކުރުން ހުއްޓާލުމަށްފަހު އަނެއްކާ ވެސް ވިހި ކިލޯ އިތުރުވިއެވެ. މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، އެހެން މީހުންނާ އެއްވަރުވުމަށް މަސައްކަތްކޮށް ވަރުބަލިވެއްޖެ ކަމަށް އޭނާގެ ލޯބިވެރިޔާ ބުންޏެވެ.
މްރޫނާލް އިތުރަށް ބުނީ، ލޯބިވެރިޔާގެ ހަށިގަނޑު ބަދަލުކުރުމަށް އޭނާ އެއްވެސް އިރަކު ނާންގާ ކަމަށެވެ. އެ ބަދަލުތައް ގެނައީ ބޮލީވުޑްގެ މަޝްހޫރު އަދި ރީތި ފިރިހެނުންނާއެކު އޭނާ އުޅޭތީ، އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން ކަމަށް މްރޫނާލް ފާހަގަކުރިއެވެ. މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މަޝްހޫރުކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމަށާއި ގުޅުންތަކަށް ފޯރާ ނޭދެވޭ އަސަރުތަކާ މެދު މަޝްވަރާކުރަމުންނެވެ.
