ކެތްތެރިކަމަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި އެއް ސިފައެވެ. އިސްލާމްދީނުގައި ކެތްތެރިކަމަށް ދެވިފައިވަނީ ވަރަށް މަތިވެރި ދަރަޖައެކެވެ. މާތް ﷲ ވަނީ ކެތްތެރިންނަށް ގިނަގުނަ ތައުރީފާއި މަތިވެރި ދަަރުޖަތައް ހުރިކަން ބަޔާންކުރައްވާފައެވެ. ކެތްތެރިކަމުގެ މަތިވެރިކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 153 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "إِنَّ اللَّهَ مَعَ الصَّابِرِينَ" މާނައީ: "ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." މި އާޔަތުން އެނގިގެންދަނީ ކެތްތެރިވާ މީހާގެ މައްޗަށް މާތް ﷲ ގެ ރަޙްމަތާއި މަދަދުވެރިކަން އަބަދުވެސް ވާކަމެވެ.
ބަރަކާތްތެރި ރަމަޟާން މަހަކީ ކެތްތެރިކަން ތަމްރީނުކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުޞަތެވެ. ރަމަޟާން މަހާއި ކެތްތެރިކަމާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެހެނީ ރޯދަ ހިފުމަކީ ހަމައެކަނި ކެއިންބުއިމުން ދުރުހެލިވުމެއް ނޫނެވެ. އެއީ ނަފްސުގެ އެދުންތަކާއި، ރުޅިވެރިކަމާއި، ނޭދެވޭ އާދަތަކުން ދުރުހެލިވުމަށް ކުރެވޭ މަތިވެރި ޖިހާދެކެވެ. ހައިހޫނުކަމަށް ކެތްކުރުމާއި، ދުލުން ބުނާ ބަސްތަކަށް ކެތްތެރިވުމަކީ ރޯދަވެރިޔާގެ ކެތްތެރިކަން އިތުރުކޮށްދޭ ކަންކަމެވެ.
މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އަޅުގަނޑުމެންގެ ކެތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު އިމްތިޙާނުތަކާއި ހިތާމަތަކުގައި ކެތްތެރިވުމަކީ އީމާންކަން ފުރިހަމަވާ ކަމެކެވެ. ރަމަޟާން މަހުގެ ތެރޭގައި ކުރެވޭ މި ތަމްރީނުގެ ސަބަބުން، އަހަރުގެ ބާކީ ދުވަސްތަކުގައިވެސް ކެތްތެރިކަމާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދެއެވެ.
ކެތްތެރިކަމަކީ އިންސާނާގެ އަޚްލާޤީ މިންގަނޑު މަތިވެރިކޮށްދޭ ސިފައެކެވެ. މީހަކު ތިބާއަށް ބަދުބަހެއް ބުނި ކަމުގައިވިޔަސް، ނުވަތަ ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރިމަތިވި ކަމުގައިވިޔަސް "އަހަރެން މިހިރީ ރޯދައަށޭ" ބުނެ ކެތްތެރިވުމަކީ ރޯދައިގެ ޙަޤީޤީ މަޤްޞަދެވެ. މިފަދަ ކެތްތެރިކަމުގެ ސަބަބުން މުޖުތަމަޢުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރުގަދަވެ، ހިތްތަކަށް ހަމަޖެހުން ލިބިގެންދެއެވެ.
ވީމާ، މި ފެށުނު ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ ކެތްތެރިކަން އިތުރުކޮށް، މާތް ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރާ މަހެއް ކަމުގައި ހަދަމާ ހިނގާށެވެ. ކެތްތެރިކަމާއެކު އަޅުކަންތައްތަކުގައި މަޝްޣޫލުވެ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރަމާ ހިނގާށެވެ. ހަމަކަށަވަރުން ކެތްތެރިންނަށް ހުރި ދަރުމައާއި ސަވާބުގައި އެއްވެސް މިނެއް ނެތެވެ.
