އިންޑިޔާގެ އަވަށެއް ކަމަށްވާ ޕުޑުކޮއްޓައީގައި އުމުރުން 19 އަހަރުގެ މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮތީ ކަނޑުގެ އައްސޭރިއާއި 18 މޭލު ދުރުގައި، ކަނޑުގައެވެ.
ވަސީކަރަން ނަމަކަށް މިޔާ މި މީހާ އަކީ ފަގީރު އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ. އޭނާ އަކީ މީގެ ކުރިން މަހަށްފުރާ އުޅޭ، މަސްވެރިކަން ކުރި މީހެއް ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާއަކީ ފަތަން ނޭނގޭ މީހެއް ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.
އޭނާގެ އަވައްޓެރިންނާއި ހަވާލާދީ އިންޑިޔާގެ ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ މަހަށް ފުރީ ގޭގައި ކާނޭ އެއްޗެއް ނެތުމުން މަހެއް ހޯދާށެވެ. އިންޑިޔާގައި ހަލުއިކަމާއި އެކު ކޮވިޑު ފެތުރެމުންދާތީ، މަސްވެރިން މަސްވިއްކާލެއް މަދެވެ. އަދި މަހުގެ އަގުވެސް އެ ގައުމުގައި ވަނީ އުފުލިފައެވެ.
ވަސީކަރަން އާއި އޭނާގެ އާއިލާ އަކީ އެ އަވަށުގެ ފަގީރު އާއިލާތަކުގެ ތެރެއިން އާއިލާއެކެވެ. އޭނާގެ މަންމަ އާއި ހަވާލާދީ އޭނާގެ އަވައްޓެރިއަކު ބުނީ އޭނާ މަހަށް ފުރިކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށާއި، ނަމަވެސް މަހެއް ހޯދަން ނުކުތް ކަމަށެވެ. އެހެންނަމަވެސް މަންޒަރު ދުށް މީހުން ބުނާގޮތުގައި އޭނާ ވަނީ ކުޑަ ދޯނިގަނޑެއްގައި މަހަށްވެސް ފުރާފައެވެ.
އޭނާ މަހަށް ފުރިކަމަށް ބެލެވޭ ދޯންޏެއް އަދި މިހާތަނަށް ހޯދިފައި ނުވިއިރު، ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ވެސް ވަނީ ހަދާފައެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ނެތް އިރު، ފުލުން ބުނާ ގޮތުގައި އޭނާ މަރުވެފައި ވަނީ ލޮނުބޮވިގެންނެވެ.
