ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ މެންބަރަކު ހޯދުމަށް، ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.
މިއީ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން އާންމު ހިއްސާދާރުންގެ ވޯޓަކުން ހޮވާ މަގާމެކެވެ. މި މަގާމަށް ހޮވޭ މީހެއްގެ ދައުރު ދެމިއޮންނާނީ އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާ އިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ. މި މަގާމަށް މީހަކު ހޮވުން އޮންނާނީ އަންނަ 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
ދިރާގުން ބުނި ގޮތުގައި، މި މަގާމަށް ސަރުތު ހަމަވާ މީހުން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ 12 މާޗު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކޮށް ކޮމްޕެނީ ސެކްރެޓަރީ އަށް އެޑްރެސްކޮށް ދިރާގުގެ ހެޑް އޮފީހަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ފޯމު ދިރާގުގެ ވެބްސައިޓުންނާއި އޮފީހުން ލިބެން ހުންނާނެއެވެ.
ފޯމުތައް އިވެލުއޭޓްކޮށް ސޯޓްލިސްޓް ކުރާނީ ބޯޑުގެ އާރްއެންޖީ ކޮމިޓީންނެވެ. އެ ކޮމިޓީން ސޯޓްލިސްޓް ކުރާ މީހުންނާ އިންޓަވިއު ކުރުމަށް ފަހު، ބޯޑުގެ ހުއްދައާ އެކު އަހަރީ އާންމު ޖަލްސާގައި ވޯޓަށް އަހާނެއެވެ. އެ ޖަލްސާގައި އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް އެ މަގާމު ލިބޭނެއެވެ. ވޯޓު ލެވޭނީ ކޮންމެ ހިއްސާއަކަށް އެއް ވޯޓުގެ އުސޫލުންނެވެ.
ދިރާގަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމަށް ވަރަށް ބޮޑަށް އިސްކަންދޭ ކުންފުންޏެކެވެ. އެހެންކަމުން، މި މަގާމަށް ސަރުތުހަމަވާ އަންހެނުން ކުރިމަތިލުމަށް އެ ކުންފުނިން ވަރަށް ބޮޑަށް ބާރުއަޅައެވެ.
