އުފާވެރި ކޮންމެ މުނާސަބަތެއްގެ އެންމެ ހާއްސަ އެއް ބަޔަކީ އެކަމަކަށް ތައްޔާރުކުރާ ފޮނިމީރު ކޭކެވެ. އުފަންދުވަސް ކަމަށް ވިޔަސް، ނުވަތަ ކައިވެނީގެ ހަފުލާއެއް ކަމަށް ވިޔަސް، ހުނަރުވެރި އަތަކުން ފަރުމާކޮށްފައި ހުންނަ ކޭކުތަކުން އެ މުނާސަބަތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މިއީ އަމިއްލަ ރަށުގައްޔާއި ކައިރި ރަށްރަށުގައި މިފަދަ އުފާވެރި އެތައް ހަފުލާއެއް ޒީނަތްތެރިކޮށްދިނުމުގައި ކުރިއަރާފައިވާ، އުމުރުން ތިރީސް ހަތަރު އަހަރުގެ ފާތިމަތު ޝަފީގާ (ޝަފީ) ގެ ކާމިޔާބު މަސައްކަތުގެ ވާހަކައެވެ.

ފޭސްބުކަކީ މި ޒަމާނުގައި ހުރިހާ އެންމެންވެސް މުނިފޫހިފިލުވުމަށް ބަލާއުޅޭ އެއް އެޕްލިކޭޝަނެވެ. ހަމަ އެއާއެކު ފޭސްބުކް މެދުވެރިކޮށް ތަފާތު ރަހަދޭ ކޭކު ތައްޔާރުކޮށް ޒީނަތްތެރިކުރާތަން ބެލުމަކީ ޝަފީގެ ވެސް ކޮންމެ ދުވަހެއްގެ އާދައެވެެ. ކޭކު ވީޑިއޯ އާއި ތަސްވީރު ބެލުމުގައި ދުވަސްތަކެއް ފާއިތުވެގެން ދަނިކޮށް، ދެހާސް ނަވާރަ ވަނަ އަހަރުގެ ނޮވެމްބަރު މަސް ފެށުނުތަނާހެން ފޭސްބުކް މެދުވެރިކޮށް އެސް އެމް ކޭކު އިން އިއުލާނުކުރި ކޭކު ޑެކަރޭޓިން ޕްރޮގްރާމެއް ޝަފީއަށް ފެނުނެވެ. އެ އިއުލާނާއެކު ޝަފީ ބަލަމުންދިޔަ ހުވަފެނުގައި ކުލަޖައްސާނެ ގޮތް ހާމަވިއެވެ. މާ ބޮޑަށް ވިސްނުމެއް ނެތި ކޯހުގައި ބައިވެރިވެ، ބޭސިކް އަދި އެޑްވާންސްޑް ފެންވަރަށް ކޭކު ޑެކަރޭޓް ކުރަން ދަސްކުރިއެވެ.

ކޭކު ކޯސް ނިންމައި މާލޭގައި ދިރިއުޅެމުން އައި ޝަފީ ރަށަށް ދިޔައީ ޗުއްޓީ ހޭދަކޮށްލުމަށެވެ. ނަމަވެސް ކަން ދިމާކުރީ މުޅިން ތަފާތުކޮށެވެ. ރަށަށް ޗުއްޓީއަށް ގޮސް ހުރި ޝަފީއަށް ރަށު ސްކޫލުން ވަގުތީ ސެން ޓީޗަރެއްގެ ވަޒީފާ ހަމަޖެހި، މާލެ ނުގޮސް ރަށުގައި މަޑުކުރިއެވެ. ވަޒީފާއަށް ދަމުންވެސް ޝަފީ ދިޔައީ އަށް ވައްތަރުގެ ޗޮކުލެޓު ކޭކު ތައްޔާރުކުރާ ކޯހެއްގައި ބައިވެރިވެ، އޭނާގެ ހުނަރުގައި އިތުރު ކުލަތައް ޖައްސަމުންނެވެ. ސްކޫލަކީ ބުރަ ތަނަކަށް ވުމުން އާމްދަނީއެއް ހޯދުމަށް ކޭކުގެ މަސައްކަތް ކުރުންވީ ބޮޑު ގޮންޖެހުމަކަށެވެ. އެހެންކަމުން ދުވަސްކޮޅެއް ފަހުން ފެނަކައިގެ އެޑްމިން އޮފިސަރެއްގެ ދާއިމީ ވަޒީފާއަށް ޝަފީ ބަދަލުވިއެވެ.

މުނިފޫހިފިލުވުމުގެ ގޮތުން އެންމެ ފުރަތަމަ ޝަފީ ކޭކު އަޅަންފެށީ އާއިލާ މީހުންނާއި އެކުވެރިންނަށެވެ. އެ ކޭކުތައް ފެނި ބައެއް މީހުން ކޭކު އަޅަން ބޭނުންވެ މެސެޖުކުރަން ފެށިއެވެ. އޭގެ ފަހުން އެޅި ކޭކުތަކުގެ ފޮޓޯ ވައިބާ ގުރޫޕުތަކުގައި ހިއްސާކުރަން ފެށިއެވެ. މާތްﷲ ގެ އިރާދަފުޅުން ކޭކު އެޅުމުގައި ރަށުންނާއި އަވައްޓެރި ރަށްތަކުން ވަރަށް ރަނގަޅު ތަރުހީބެއް ޝަފީއަށް ލިބުނެވެ.

"ކޭކު އަޅަން ފެށީ ކޮންމެހެން ލާރި ބޭނުންވެގެނެއް ނޫން. މިއީ ކުރާހިތްވާ ކަމަކަށް ވާތީ. އަބަދުވެސް ހުވަފެނެއް މީހުންގެ ހަފުލާތަކުގައި މަގޭ ކޭކުން ކުލަޖެއްސުން،" ޝަފީ ބުންޏެވެ.

ކޭކު އެޅުމުގައި ހުރިހާ އެންމެންގެ އެއްބާރުލުން ލިބޭކަން ފާހަގަކޮށް، ޝަފީ ބުނީ އެންމެ ބޮޑު އެހީތެރިކަމެއް ދެނީ ފިރިމީހާ އަލީ ކަމަށެވެ. "ޝަފީ ބޭކްސް" ގެ ނަމުގައި ވިޔަފާރި ރަޖިސްޓަރީކޮށް، މާލެއިން ތަކެތި ގަނެ، ބަދިގޭގައި މޭޒު ޖަހައިދިނީ ފިރިމީހާއެވެ.

"މަންމަ އާއި ބައްޕަ އަދި ފިރިމީހާގެ އެއްބާރުލުން އިންތިހާއަށް ލިބޭ. ދަރިފުޅަށް ވަގުތު ނުދެވޭ ހާލަތްތަކުގައި އެމީހުން ވަރަށް އެހީވޭ. ފިރިމީހާ ރަށުގައި ހުންނައިރު ހުރިހާ އޯޑަރުތައް ޑެލިވަރީ ކޮށްދޭނެ. ކައިރި ރަށްތަކަށްވެސް ޑިންގީގައި ގެންގޮސްދޭނެ،" ޝަފީ ބުންޏެވެ.

ކުނަހަންދޫ އަންހެނުންގެ ކޮމިޓީއާ ގުޅިގެން ޝަފީ ވަނީ ރަށުގެ ފަނަރަ ކުދިންނަށް އެއް މަސްދުވަހުގެ ކޭކު ކޯހެއް ވެސް ކާމިޔާބުކަމާއެކު ހިންގާފައެވެ.

 

ރަށުގައި އެންމެ ބޮޑަށް އުނދަގޫވަނީ ކަސްޓަމަރުން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަށް ކަމަށް ޝަފީ ބުންޏެވެ. ސަބަބަކީ ބޭނުންވާ ސާމާނު ރަށުން ލިބެން ނެތުމެވެ.

"އަވަސް ކޭކެއް އަޅަން ޖެހިއްޖެނަމަ ފިރިމީހާ މާލެއިން ގަނެފައި ކާގޯ ކޮށްގެން ފޮނުވަނީ. އަތުން ބޮޑު ހަރަދުކޮށްގެން ކާގޯ ނަގަން ދާންވެސް ޖެހޭ. އެކަމަކު ދާ ހަރަދަކަށް ނުބަލަން ޝައުގުވެރިކަން ހުންނަ ވަރުން،" ހިނިތުންވެލަމުން ޝަފީ ބުންޏެވެ.

ރަށުގައި އެއާޕޯޓެއް ނެތުމުން، އަވަސް އޯޑަރުތަކަށް ތަކެތި ހޯދުމަށް އަމިއްލަ ދަތުރު ނަގައިގެން ކައްދޫއަށް ވެސް ދާންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ކޮންމެ މަސައްކަތަކީ ވެސް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭނެ ކަމެކެވެ. މީހުންގެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި، އެކަންކަމުން އިބުރަތް ހާސިލުކޮށްގެން ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށް ދިއުމަކީ ޝަފީގެ އެންމެ ބޮޑު ނަސޭހަތެވެ. އަމިއްލަ ދިރިއުޅުން އުޖާލާކުރުމަށްޓަކައި، ކޮންމެ މީހަކުވެސް އެ މީހަކު އެންމެ ކުރާހިތްވާ މަސައްކަތެއް ހިޔާރުކޮށް، އެ ރޮނގަކުން ކުރިއަށް ދިއުމަށް މަސައްކަތް ފެށުމަށް ޝަފީ އެދެއެވެ. ޝަފީގެ މި ކާމިޔާބު ދަތުރަކީ، ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ކާމިޔާބީއާ ހަމައަށް ވާސިލުވެވިދާނެކަމުގެ ފުރިހަމަ މިސާލެކެވެ.

ހުނަރު ތަރައްގީކުރުން: ބޭސިކް އަދި އެޑްވާންސްޑް ކޭކު ޑެކަރޭޓިން ކޯހުގެ އިތުރުން، އަށް ވައްތަރުގެ ޗޮކުލެޓު ކޭކު ތައްޔާރުކުރާ ކޯހެއް ފުރިހަމަކޮށް ކޭކު އެޅުމުގެ ހުނަރު ދަސްކުރުން.

އަމިއްލަ ވިޔަފާރިއެއް ފެށުން: ހޮބީއެއްގެ ގޮތުގައި ފެށި މަސައްކަތް ފުޅާކޮށް، "ޝަފީ ބޭކްސް" ގެ ނަމުގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރުން.

މަގުބޫލުކަން ހޯދުން: އާއިލާއިން ފެށި މަސައްކަތުން، އަމިއްލަ ރަށާއި ކައިރި ރަށްތަކުގެ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައި ގިނަ އޯޑަރުތަކެއް ލިބެން ފެށުން.

އެހެން މީހުންނަށް ދަސްކޮށްދިނުން: ކުނަހަންދޫ އަންހެނުންގެ ކޮމިޓީއާ ގުޅިގެން ރަށުގެ ފަނަރަ ކުދިންނަށް އެއް މަސްދުވަހުގެ ކޭކު ކޯހެއް ކާމިޔާބުކަމާއެކު ހިންގުން.

ގޮންޖެހުންތަކުން އަރައިގަތުން: ރަށުން ތަކެތި ލިބެން ނެތުމާއި ދަތުރުފަތުރުގެ ދަތިކަން ފަދަ ގޮންޖެހުންތަކާ އެކުވެސް، ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އިސްކަންދީގެން ފެންވަރު ރަނގަޅު ހިދުމަތެއް މެދުނުކެނޑި ފޯރުކޮށްދިނުން.