ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސްގެ އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފިއެވެ.

ބީއެމްއެލް އިން ބުނީ، މި ހިދުމަތަށް މިހާރުން ފެށިގެން އެ ބޭންކުގެ މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު، ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން ހުށަހަޅާ ފޯމުގެ ސްޓޭޓަސް ވެސް އެޕް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް ބީއެމްއެލް އިން ޑޮލަރު ވިއްކުމަށް ހަމަޖެހިފައިވާ އުސޫލަށް ބަލާއިރު، އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދަތުރުކުރާ މީހުންނަށް ދެހާސް ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެއެވެ. އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ދަތުރުކުރާ މީހުންނަށް ވިއްކުމަށް ހަމަޖެހިފައިވަނީ އެއްހާސް ޑޮލަރާ ހަމައަށެވެ.

އެ ބޭންކުން ބުނި ގޮތުގައި، ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ޑޮލަރު ޖަމާކޮށްދޭނީ ފޯމު ހުށަހަޅާ މީހާގެ ބީއެމްއެލް އެކައުންޓަށެވެ. އަދި އެކައުންޓެއް ނެތް މީހުންނަށް ވެސް ވަރަށް ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް އާ އެކައުންޓެއް ހުޅުވާލެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.