އެމޭޒަން އާއި އަލީއެކްސްޕްރެސް ފަދަ އިންޓަނޭޝަނަލް އީކޮމާސް ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް ބީއެމްއެލް އިން ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، އެ ސައިޓުތަކަށް އަމާޒުކޮށް ކާޑުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ މުއާމަލާތްތައް ފެއިލްވަނީ ކާޑަށް ކަނޑައެޅިފައިވާ ލިމިޓަށް ވުރެ އިތުރަށް މުއާމަލާތް ކުރަން މަސައްކަތް ކުރުމުން ކަމަށް އޭނާ ބުންޏެވެ.
ބޭންކުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ އެކާވީސް ވަނަ ދުވަހުގެ ނިޔަލަށް އެކަނި ވެސް އެމޭޒަން އަދި އަލީއެކްސްޕްރެސްގައި ފަންސާސް އަށް ހާސް މުއާމަލާތް ވަނީ ކޮށްފައެވެ. އެއީ ޖުމްލަ ދެ ޕޮއިންޓް ތިނެއް ތިނެއް މިލިއަން ޑޮލަރެވެ. މީގެ އިތުރުން ކާޑުން ރާއްޖެއިން ބޭރުގައި ކުރާ މުއާމަލާތްތަކުގެ ފަސްދޮޅަސް ހަ ޕަސަންޓަކީ އީކޮމާސް މުއާމަލާތްތައް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
އަމިއްލަ ފަރުދުންނަށް ދޫކޮށްފައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގަތުމަށް ބޮޑެތި އަދަދުތަކުން މުއާމަލާތް ކުރަން މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި ކަސްޓަމަރު ބަޔާންކޮށްފައިވާ އާމްދަނީއަށް ވުރެ ބޮޑެތި އަދަދުތަކުން މުއާމަލާތް ކުރާކަން ވެސް އެ ބޭންކުން ފާހަގަކުރިއެވެ.
ވިޔަފާރީގެ ބޭނުންތަކަށް މުދާ ގަންނަ ނަމަ، ބޭންކުގެ ބިޒްނަސް ބޭންކިން ހިދުމަތްތައް ބޭނުންކުރުމަށް ބީއެމްއެލް އިން އިލްތިމާސްކުރެއެވެ. ބޭންކުން ބުނީ އާންމު ބޭނުންތަކަށާއި ދަތުރުފަތުރާއި ބޭސްފަރުވާއަށް އެކަށީގެންވާ ވަރަށް ޑޮލަރު ހަމަޖައްސައިދީފައިވާ ކަމަށެވެ.
ނަމަވެސް އަމިއްލަ ކާޑުތަކުން ވިޔަފާރީގެ ބޮޑެތި މުއާމަލާތްތައް ކުރާ ނަމަ ލިމިޓް ހަމަވެ ދަތިތަކާ ކުރިމަތިވާނެއެވެ. ބީއެމްއެލް އިން އަންނަނީ ޑެބިޓް ކާޑު މެދުވެރިކޮށް ބޭސްފަރުވާއާއި ދަތުރުފަތުރުގެ ބޭނުމަށް ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހަކު ތިން ހާސް ޑޮލަރާ ހަމައަށް ލިމިޓް ދެމުންނެވެ.
