އުރީދޫން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ މަގުބޫލު "ކަރާ ފެޅުން" ޕްރޮމޯޝަން، އެއް ލައްކަ ރުފިޔާގެ ބޮޑު އިނާމަކާ އެކު މިއަހަރު ވެސް ފަށަން އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

މިފަހަރުގެ ކަރާ ފެޅުން ތަފާތުވާނެ އެންމެ ބޮޑު ސަބަބަކީ ގޭމަށް ގެނެސްފައިވާ އާ ފީޗާތަކެވެ. އޭގެ ތެރޭގައި އެންމެ ހާއްސަ އެއް ކަމަކީ މެޕުން ދައްކާ ވަކި ތަންތަނަށް ގޮސްގެން ކަރާ ފަޅަން ޖެހޭ ގޮތަށް ފަރުމާކޮށްފައިވާ "ކަރާ ކުއެސްޓް" އެވެ.

މި ގޭމް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އުރީދޫން ވަނީ ސޯޝަލް މީޑިއާގައި ހާއްސަ ވީޑިއޯއެއް އާންމުކޮށްފައެވެ. ކުއްލި ހަބަރެއްގެ ގޮތުގައި ގެނެސްދީފައިވާ މި ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދަށް ކަރާ ޖައްސައި، އެ ސަރަހައްދުގައި ވެޔޮތަކެއް ފެތުރެމުންދާ މަންޒަރެވެ.

މި ގޭމުގައި ބައިވެރިވާ މީހުންނަށް ކޮންމެ ދުވަހަކު ވެސް ހިލޭ ޑާޓާ އާއި ހާއްސަ އިނާމުތައް ލިބޭނެ ކަމަށް އުރީދޫގެ ސީއޯއޯ ހުސައިން ނިޔާޒް ވިދާޅުވިއެވެ. އަދި މޮޅުވާ ޓީމުގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ، މި ގޭމް މެދުވެރިކޮށް އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އުފާވެރި ރޯދަ މަހަކަށް ވެގެންދިޔުން،" ނިޔާޒް ވިދާޅުވިއެވެ.

މިފަހަރުގެ ގޭމުގައި ބައިވެރިވާ މީހުން މައިގަނޑު ދެ ޓީމަކަށް ބަހާލާނެއެވެ. އެއީ ނޫ ލަޝްކަރާއި ރަތް ލަޝްކަރެވެ. އާއިލާ އާއި ރަހުމަތްތެރިންނާއެކު ވެސް ޓީމު ހަދައިގެން މި ގޭމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލާފައެވެ.