ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި ކުޅުނު ފޯރިގަދަ އުތުރު ލަންޑަން ޑާބީގައި 4-1 އިން އެ ޓީމު ބަލިކޮށް، އާސެނަލުން ލީގު ތާވަލުގެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފިއެވެ.
މި ނަތީޖާއާއެކު އާސެނަލް އެއްވަނައިގައި އުޅެނީ 28 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެގެން 56 ޕޮއިންޓާއެކު އެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާސެނަލުންނެވެ. 32 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އެބެރެޗީ އެޒޭ އެވެ. އެހެންނަމަވެސް އޭގެ ދެ މިނެޓު ފަހުން ޑެކްލަން ރައިސް އަތުން ބޯޅަ ހޯދުމަށްފަހު، ރަންޑަލް ކޯލޯ މުއާނީ ވަނީ ޓޮޓްނަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވަނީސް އާސެނަލުން ވަނީ އަލުން ލީޑު ހޯދާފައެވެ. 47 ވަނަ މިނެޓުގައި ޖޫރިއަން ޓިމްބާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކުރީ ވިކްޓަ ޔޯކެރޭޝް އެވެ. އޭގެ ފަހުން 61 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއުކުރުމުން ނުކުތް ބޯޅަ ގޯލަށް ވައްދާލައިގެން އެޒޭ ވަނީ އާސެނަލްގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ އިތުރުވަގުތުގެ ތެރޭގައި އާސެނަލްގެ ފަހު ލަނޑުޖަހައިދިނީ ވެސް ޔޯކެރޭޝް އެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނިކުތް އެ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް ދިން ބޯޅައަކުންނެވެ.
ލީގު ތަށި ހޯދުމަށް އާސެނަލުން ކުރަމުންދާ މަސައްކަތުގައި މިއީ އެ ޓީމަށް ލިބުނު ވަރަށް މުހިންމު ތިން ޕޮއިންޓެވެ. މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އާސެނަލުން ވަނީ ޕްރެޝަރު ބޮޑު މި މެޗުގައި މޮޅު ކުޅުމެއް ދައްކައި، ލީގު ކާމިޔާބުކުރުމުގެ އުއްމީދު އިތުރަށް އާކޮށްފައެވެ.
