މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަތަރު ލައްކައިން މައްޗަށް އަރައިފިއެވެ. ޓޫރިޒަމް ދާއިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ހަތަރު ލައްކަ އަށާރަ ހާސް ތެއްތިރީސް (418،034) ޓޫރިސްޓުން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 ޕަސަންޓުގެ ކުރިއެރުމެކެވެ.

މި ހިނގާ ފެބްރުއަރީ މަހުގެ މިހާތަނަށް އެކަނިވެސް 190،836 މީހުން ރާއްޖެ އައިސްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 15.2 ޕަސަންޓުގެ ކުރިއެރުމެކެވެ. ރާއްޖެ އައި ގިނަ މީހުންނަކީ އާންމު ޓޫރިސްޓުންގެ ގޮތުގައި އައި މީހުން ކަމަށްވާއިރު، ވިޔަފާރީގެ ބޭނުމަށް 1،345 މީހުން އަދި ކްރޫޒް ލައިނާތަކުގައި 1،065 މީހުން އައިސްފައިވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެގައުމުން 67،185 މީހުން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރު ވެސް އެންމެ ގިނަ މީހުން ރާއްޖެ އައި ގައުމެވެ. ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން 46،636 މީހުން އައިސްފައިވެއެވެ. އަދި ތިންވަނައިގައި އޮތް އިޓަލީން 40،345 ޓޫރިސްޓުން ވަނީ އައިސްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އެތެރެވެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 416،969 މީހުންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން (1،499 މީހުން) އެތެރެވިއިރު، ތިންވަނައަށް އެންމެ ގިނަ މީހުން އައިސްފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ 1،489 މީހުންނެވެ. ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓަލާއި، 909 ގެސްޓްހައުސްގެ އިތުރުން 169 ސަފާރީ އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.