ލަންޑަންގައި ބޭއްވި ހަތްދިހަ ނުވަ ވަނަ ބާފްޓާ ފިލްމް އެވޯޑްސްގައި، ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިލައި ބައިނަލްއަޤްވާމީ މައިދާނުގައި ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ. އިނގިރޭސި ބަސް ނޫން ބަސްބަހުން އުފައްދާފައިވާ އެންމެ މޮޅު ފިލްމުގެ އެވޯޑް ހަވާލުކޮށްދިނުމަށް ސްޓޭޖަށް އަރައި، އާލިއާ ވަނީ ހިންދީ ބަހުން "ނަމަސްކާރް" އޭ ބުނެ އެންމެންނަށް ސަލާމްކޮށްފައެވެ.

އޭނާ ހިންދީ ބަހުން ވާހަކަ ދައްކަމުން، ދެން އޮތީ އިނގިރޭސި ނޫން ބަހަކުން އުފައްދާފައިވާ އެންމެ މޮޅު ފިލްމުގެ އެވޯޑްކަން ހާމަކުރުމަށްފަހު، ސަމާސާ ރޫހެއްގައި "އަދި ސަބްޓައިޓަލްތަކަށް ބަލަން ނޫޅޭށޭ" ބުނެ އިނގިރޭސި ބަހަށް ބަދަލުކޮށްލި ވަގުތުކޮޅު ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ.

މި ރަސްމިއްޔާތުގެ ރެޑް ކާޕެޓުން އާލިއާ ފެނިގެންދިޔައީ ގުޗީ ބްރޭންޑުގެ ރިހިކުލައިގެ ހިތްގައިމު ހެދުމެއްގައެވެ. މި ހެދުމަކީ ހޮލީވުޑްގެ މަޝްހޫރު ތަރި މަރިލިން މަންރޯ އާއި އިންޑިއާގެ ލެޖެންޑަރީ އެކްޓްރެސް ރޭކާގެ ސްޓައިލުން އިންސްޕަޔަރ ވެގެން ފަރުމާކޮށްފައިވާ ހެދުމެކެވެ. މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޢަލިއާ ބުނީ، އޭނާގެ ތިން އަހަރުގެ ދަރިފުޅު ރާހާ ކަޕޫރަކީ މިވަގުތު އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަން ކަމަށެވެ.

ބާފްޓާގެ ސްޓޭޖުން އާލިއާ ދެއްކި މި ހުށަހެޅުމަކީ އިންޑިއާގެ ސިނަމާއަށް ލިބުނު ފަޚުރެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ބައިނަލްއަޤްވާމީ މިފަދަ ބޮޑު މައިދާނެއްގައި އަމިއްލަ ބަހުން ވާހަކަދައްކައި، އިންޑިއާގެ ސިނަމާ ތަމްސީލުކޮށްދިނުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ވަނީ އޮހިފައެވެ.