މެކްސިކޯގެ އެންމެ ނުރައްކާތެރި އެއް ޑްރަގް ކާޓެލް ކަމަށްވާ "ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް" (ސީޖޭއެންޖީ) ގެ ލީޑަރު ނެމެސިއޯ އޮސެގުއޭރާ ސަރްވާންޓެސް ނުވަތަ "އެލް މެންޗޯ" އަސްކަރީ އޮޕަރޭޝަނެއްގައި މަރާލުމާ ގުޅިގެން، މެކްސިކޯގެ އެކި ސަރަހައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެށި އެ ގައުމުގެ މުހިންމު އެއާޕޯޓުތަކުގެ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
އެލް މެންޗޯ މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގައި މެކްސިކޯގެ އަސްކަރިއްޔާއިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ މަރާލުމުގެ ބަދަލުހިފުމުގެ ގޮތުން ކާޓެލްގެ މެންބަރުން ވަނީ 20 އަށް ވުރެ ގިނަ ސްޓޭޓެއްގައި މަގުތައް ބަންދުކޮށް، އުޅަނދުފަހަރާއި ވިޔަފާރިތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މި ހަމަނުޖެހުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ޕުއާޓޯ ވަލާޓާ އާއި ގުއަޑަލަޖާރާ އެއާޕޯޓަށެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ޕުއާޓޯ ވަލާޓާ އެއާޕޯޓުގެ ބައިނަލްއަގުވާމީ ހުރިހާ ފްލައިޓްތަކެއް ވަނީ މެދުކަނޑާލާފައެވެ. ގުއަޑަލަޖާރާ އެއާޕޯޓުގައި ބަޑީގެ ހަމަލާތަކެއް ބަދަލުކުރާ ކަމުގެ އަޑުތައް ފެތުރުމާއެކު، އެތައް ސަތޭކަ ފަތުރުވެރިންނެއް ބިރުން ދުވެ، އެކި ތަންތަނުގައި ފިލާފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ވަނީ އާންމުވެފައެވެ.
މި ހާލަތާ ގުޅިގެން އެމެރިކާ، ކެނެޑާ އަދި އިނގިރޭސިވިލާތުން ވަނީ މެކްސިކޯގައި ތިބި އެ ގައުމުތަކުގެ ރައްޔިތުން ރައްކާތެރި ތަންތަނުގައި މަޑުކުރުމަށާއި، ކޮންމެހެން ދާންޖެހިގެން ނޫނީ އެ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް އަންގައި "ޓްރެވަލް އެޑްވައިޒަރީ" ނެރެފައެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބޯމް ވަނީ އާންމުން ހަމަޖެހުމަށް އިލްތިމާސްކުރައްވައި، ސަލާމަތީ ބާރުތަކުން މަސްރަހު ކޮންޓްރޯލް ކުރަމުންދާ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، އެލް މެންޗޯ ފަދަ ނުފޫޒުގަދަ ލީޑަރަކު މަރުވުމުން ކާޓެލްގެ ތެރޭގައި ބާރުވެރިކަން ހޯދުމަށް އިތުރު ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ ބިރު އޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
