ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ޕެނަލްޓީ ޖަހައިގެން 5-4 އިން ފްރާންސް ބަލިކޮށް ސްވިޒަލެންޑުން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރިހަމަވަގުތާއި އިތުރުވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، މެޗު އޮތީ 3-3 އިން އެއްވަރުވެފައެވެ. މިއީ ވޭތުވެދިޔަ 51 އަހަރުގެ ތެރޭގައި ޔޫރޯގެ ނޮކްއައުޓް ބުރުގެ މެޗެއްގައި ފްރާންސް ކޮޅަށް ތިން ލަނޑު ވަތް ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ނޮކްއައުޓް ބުރުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއްވަނަނުދީ ހިފަހައްޓާލެވިފައިވަނީ އެންމެ މެޗަކުންނެވެ.

ރޭގެ މެޗަށް ނިކުތްއިރު ފްރާންސް ޓީމަށް އަނިޔާގެ ސަބަބުން ފޯމޭޝަނަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ތިން ޑިފެންޑަރުންނާއި ދެ ވިންގްބެކާއެކު ކުޅުނު މި ފޯމޭޝަނާއެކު އާއްމުކޮށް މިޑްފީލްޑްގައި ކުޅެމުން އަންނަ އެޑްރިއެން ރަބިއޯ ވާތު ވިންގް ބެކަށް ލައިގެން ކުޅުމަށް އެ ޓީމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ. 

ރުމޭނިއާގެ ބުކަރެސްޓްގައި ހުންނަ ނޭޝަނަލް އެރީނާގައި ރޭ ކުޅުނު މި މެޗު ފެށިގެން ކުރީން ލީޑްނެގީ ވެސް ސްވިޒަލެންޑުންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމުގެ ވާތްފަޅިން ކުޅެމުން އަންނަ ސްޓީވެން ޒޫބާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން މި ލަނޑުޖަހައިދިނީ ހާރިސް ސެފަރޮވިޗް އެވެ. މި ހާފުގައި ފްރާންސަށް ލިބުނު އެންމެ ރަނގަޅު ދެ ފުރުޞަތުގައި ކިލިއަން އެމްބާޕޭ އާއި އެޑްރިއެން ރަބިއޯ ފޮނުވާލި ހަމަލާތަކުގައި ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ކިންގްސްލީ ކޯމަން ކުޅެން ނެރުމާއެކު ފްރާންސްގެ އެޓޭކްތައް ކުރިއަށްވުރެ ވަރުގަދަވިއެވެ. އެހެން ނަމަވެސް، ފްރާންސްގެ ޑިފެންސަށް ސްވިޒަލެންޑްގެ މިޑްފީލްޑަރު ޒޫބާ ހުއްޓުވުމުގައި ކާމިޔާބެއް ލިބޭގޮތެއްނުވުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ޒޫބާ އަށް ފްރާންސްގެ ބެންޖަމިން ޕަވާޑް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. ސްވިޒަލެންޑްގެ ރިކާޑޯ ރޮޑްރިގޭޒް ފޮނުވާލި މި ޕެނަލްޓީ ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް މަތަކުރިއެވެ.

އޭގެ ދެ މިނެޓުފަހުން، ފްރާންސަށް އެއްވަރުކޮށްދިނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. މިއީ އެ ޓީމުގެ ހަލުވި ފޯވާޑް އެމްބާޕޭ ދިން ބޯޅައަކުން ބެންޒެމާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ލަނޑުޖެހިތާ ދެ މިނެޓުގެ ތެރޭގައި ފްރާންސްގެ ދެވަނަ ލަނޑުޖަހައިދީ އެ ޓީމަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ ވެސް ބެންޒެމާ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ފްރާންސްގެ އެންޓޮއިން ގްރީޒްމަން ފޮނުވާލި ބޯޅައެއް ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ މަތަކުރުމުން ގޯލްގެ ރޮނގުކައިރީގައި ހުހަށް ހުރި ބެންޒެމާ އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.

ފްރާންސުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، މެޗުގެ 75 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާ އެވެ. އޭގެ ހަ މިނެޓުފަހުން، ސްވިޒަލެންޑުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މިއީ ދެވަނަ ހާފުގައި ކުޅެން ނިކުތް ކެވިން އެމްބާބޫ ނަގައިދިން ހުރަހަކުން ސެފަރޮވިޗް ބޮލުން ކާމިޔާބުކޮށްދިން ގޯލެކެވެ.

އަދި އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި ސްވިޒަލެންޑަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާރިއޯ ގަވްރަނޮވިޗް އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ކެޕްޓަން ގްރޭނިޓް ޒާކާ ދިން ރީތި ޕާހަކުންނެވެ. އޭގެފަހުން، ފްރާންސްގެ ވިންގާ ކޯމަން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގައި ފްރާންސް މޮޅުކޮށްދިނުމަށް އެމްބާޕޭ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އެމްބާޕޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ބޭރު ދާގަނޑަށެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގެ ތެރެއިން ފުރަތަމަ ފޮނުވާލި ނުވަ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ސްވިޒަލެންޑްގެ ގަވްރަނޮވިޗް، ފަބިއެން ޝާ، މެނުއެލް އަކަންޖީ އާއި ރުބެން ވާގަސް އަދި އެޑްމިރް މެހްމެދީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ. ފްރާންސުން ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރީ ޕޮގްބާ، އޮލިވިއޭ ޖިރޫ އާއި މާކަސް ތުރާމް އަދި ޕްރެސްނެލް ކިމްޕެމްބޭ އެވެ. އެ ޓީމަށް ނާކާމިޔާބުވީ އެމްބާޕޭ ފޮނުވާލި ޕެނަލްޓީއެވެ. މި ޕެނަލްޓީ ވަނީ ސްވިޒަލެންޑްގެ ކީޕަރު ސޮމާ މަތަކޮށްފައެވެ.