މި ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ދިރާގުން ހާއްސަ ދެ ހަރަކާތެއް އިއުލާންކޮށްފިއެވެ. މިގޮތުން، ދިރާގުޕޭ މެދުވެރިކޮށް މީލް ޕެކް ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

"މީލް ޕެކް" ހަދިޔާކުރުމުގެ ހަރަކާތަކީ "މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސް" އާ ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތައް ކައިރިން ބިދޭސީ މަސައްކަތްތެރިންނަށް ރޯދަވީއްލުމުގެ ކެއުން ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ދިރާގުން ވަނީ 1،000 މީލް ޕެކް އެ ޖަމިއްޔާއަށް ހަދިޔާކޮށްފައެވެ. ދިރާގުޕޭ ބޭނުންކުރާ ފަރާތްތަކަށް، އެޕް މެދުވެރިކޮށް 60 ރުފިޔާއަށް މީލް ޕެކެއް ހަދިޔާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީވުމަށް ދިރާގުން ވަނީ "މަމްސް އެއިޑް" އާ ގުޅިގެން 100 އާއިލާއަކަށް ރޯދަމަހަށް ހާއްސަ ކެއާ ބާސްކެޓެއް ފޯރުކޮށްދީފައެވެ. މި ކެއާ ބާސްކެޓްތައް ދިނުމަށް ހަމަޖެހިފައިވަނީ އެހީތެރިކަން ބޭނުންވާ އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބަލަހައްޓާ އާއިލާތަކަށެވެ. ކަސްޓަމަރުންނަށް ކެއާ ބާސްކެޓެއް 1،200 ރުފިޔާއަށް ނުވަތަ ބޭނުން ކޮންމެ އަދަދެއްވެސް ދިރާގުޕޭ މެދުވެރިކޮށް ހަދިޔާ ކުރެވޭނެއެވެ.

އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުޕޭ އެޕްލިކޭޝަނުގެ "ފީޗާޑް ސަރވިސް" މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ހަދިޔާކުރެވޭނެއެވެ. މިގޮތުން ހަދިޔާކުރާ ފައިސާ ސީދާ އެ ޖަމިއްޔާތަކުގެ އެކައުންޓަށް ޖަމާވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް ލުއިފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދީ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.