އިންސާނާގެ ޙަޔާތަކީ އިމްތިޙާނުތަކާއި، ބޭނުންތަކާއި، އުންމީދުތަކުން ފުރިގެންވާ ދަތުރެކެވެ. މި ދަތުރުގައި އަޅުގަނޑުމެންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އެންމެ ބޮޑު އެހީތެރިއަކަށް ހަދަންވާނީ އަޅުގަނޑުމެން ހެއްދެވި މަތިވެރި އިލާހެވެ. ދުޢާކުރުމަކީ ހަމައެކަނި ބޮޑެތި މުޞީބާތްތަކުން ސަލާމަތްވުމަށް އޮތް ކަމެއް ނޫނެވެ. އެއީ އަޅާ އާއި ޚާލިޤުވަންތަ ﷲ އާ ދެމެދު އޮންނަ ވަރުގަދަ ގުޅުމެކެވެ.

މާތް ﷲ ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. ﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ﴾ މާނައީ: "އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

މި އާޔަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާތް ﷲ އަޅުގަނޑުމެންނާ ކުއްތަންވެވޮޑިގެންވާ މިންވަރެވެ. އާޔަތް ފެށިފައިވަނީ "ތިމަންރަސްކަލާނގެއާމެދު ސުވާލުކޮށްފިނަމަ" މިހެންނެވެ. އެހެން އާޔަތްތަކުގައި ސުވާލަކަށް ޖަވާބު ދެއްވާއިރު "ވިދާޅުވާށެވެ" (قُلْ) މި ލަފުޒު ބޭނުންކުރައްވާފައިވީ ނަމަވެސް، ދުޢާއާ ގުޅޭ މި އާޔަތުގައި އެ ލަފުޒު ބޭނުންނުކުރައްވައި ސީދާ "ތިމަންރަސްކަލާނގެއީ ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ" މިފަދައިން ވަޙީކުރެއްވުމުން ދޭހަވަނީ އަޅާ އާއި ﷲ އާ ދެމެދު އެއްވެސް މެދުވެރިއަކު ބޭނުންނުވާކަމެވެ.

ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ ދުޢާކުރަންވާނީ ހަމައެކަނި ބޮޑެތި ބަލިމަޑުކަމެއް ޖެހުމުން ނުވަތަ ބޮޑު ކަމަކަށް ބޭނުންވުމުން ކަމަށެވެ. ނަމަވެސް، މިއީ ކުށްހީއެކެވެ. އިސްލާމީ ތަރުބިއްޔަތު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ ކިތައްމެ ކުޑަ ކަމަކަށް ބޭނުންވިޔަސް މާތް ﷲ ގެ ހަޟްރަތުން އެކަމަށް އެދި ދެންނެވުމަށެވެ. ކިތައްމެ ކުޑަކަމަކަށް ވިޔަސް، އެކަމަށް އެދި ދެންނެވުމުން އިލާހީ އެހީތެރިކަން ލިބުމުގެ އިތުރުން، އެކަލާނގެއަށް ބަރޯސާވާ މިންވަރު އިތުރުވެގެންދެއެވެ.

މާތް ﷲ ވަނީ ދުޢާ އިޖާބަކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. "އިޖާބަ ކުރައްވަމެވެ" މި ލަފުޒުގެ މާނައަކީ ހަމައެކަނި އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންތައް ވުމެއް ނޫނެވެ. ދުޢާ އިޖާބަވުމުގައި ތިން ގޮތެއް އޮވެއެވެ. އެއީ އެދޭ ކަންތައް ވަގުތުން ފުއްދަވައިދެއްވުން، ނުވަތަ އެއާ އެއްވަރުގެ ނުބައިކަމަކުން އެ މީހަކު ސަލާމަތްކުރެއްވުން، ނުވަތަ އާޚިރަތަށްޓަކައި އެ ދުޢާގެ ސަވާބު ރައްކާކުރެއްވުމެވެ.

އާޔަތުގެ ފަހުބައިގައި މާތް ﷲ އަމުރުކުރައްވަނީ އެކަލާނގެއަށް އިޖާބަދިނުމަށާއި އީމާންވުމަށެވެ. މިއީ ތެދުމަގު ލިބުމުގެ ތަޅުދަނޑިއެވެ. އަޅުގަނޑުމެން ދުޢާކުރާ ހިނދު، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، އެކަލާނގެ ކިބައިން އުންމީދު ކަނޑާނުލައި ސާބިތުވެ ތިބުމަކީ ދުޢާ އިޖާބަވުމުގެ ސަބަބެކެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ދުޢާކުރުމަކީ އަޅާގެ ނިކަމެތިކަން ބަޔާންކޮށް، ޚާލިޤުވަންތަ ﷲ ގެ މަތިވެރިކަން ޤަބޫލުކުރުމެވެ. އެހެންކަމުން، ކިތައްމެ ކުޑަ ކަމެއްގައިވެސް، އަދި ކިތައްމެ ބޮޑު ކަމެއްގައިވެސް، އަބަދުވެސް ދުޢާކުރުންމަތީ ދެމިތިބެމާ ހިނގާށެވެ. އެކަލާނގެއީ އަޅުގަނޑުމެންގެ އަޑު އައްސަވާވޮޑިގެންވާ، އަދި އަޅުގަނޑުމެންނަށް ހެޔޮގޮތްތައް މިންވަރުކޮށްދެއްވާނެ ރަސްކަލާނގެއެވެ.

 

ހަވާލާ: ޑރ. ޔާސިރް ގާޒީގެ ދަރުހަކުން (2025)