ރޯދަމަހަކީ ރޫހާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިންސާނާ ތަރުބިއްޔަތުކޮށްދޭ ބަރަކާތްތެރި މަހެކެވެ. ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، ބަރުދަން ލުއިކުރުމަށް މަގުފަހިވި ނަމަވެސް، ގިނަ ފަހަރަށް ފެންނަނީ މިއާ ހިލާފު މަންޒަރެކެވެ. ރޯދަވީއްލާ ގަޑީގައާއި ހާރުގަޑީގައި މާގިނައިން ކެވޭ ކެއުމުގެ ސަބަބުން، ގިނަ ބައެއްގެ ބަރުދަން މި މަހުގެ ތެރޭގައި އިތުރުވެގެންދެއެވެ. އެހެންކަމުން، މި މުގައްދަސް މަހުގެ ސިއްހީ ފައިދާ އެންމެ ފުރިހަމައަށް ހާސިލުކުރުމަށްޓަކައި، ކާތަކެތި އިހުތިޔާރުކުރުމާއި ކެއުމުގެ މިންގަނޑުތައް ހިފަހައްޓާނެ ގޮތް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ.
ރޯދަމަހު މާގިނައިން ކެވެން މެދުވެރިވާ މައިގަނޑު ސަބަބުތަކަށް ބަލާއިރު، ބަޔޮލޮޖިކަލް ނުވަތަ ހަށިގަނޑުގެ ގުދުރަތީ ބޭނުންތައް ހިމެނެއެވެ. ދިގު ވަގުތަކަށް ބަނޑުހައިކޮށް ހުރުމަށްފަހު، ހަށިގަނޑުން ބޭނުންވަނީ އަވަހަށް ހަކަތަ ލިބޭނެ ފަދަ ފޮނި ނުވަތަ ތެޔޮ އެއްޗެއްސެވެ. މީގެ އިތުރުން، އާއިލީ ބައްދަލުވުންތަކާއި ސަގާފީ އާދަކާދަތަކުގެ ސަބަބުން ސުފުރާމަތި ތަފާތު ބާވަތްތަކުން ފުރާލެވި، ބަނޑު ފުރޭ ފަހުންވެސް ކެއުމުގައި ކުރިއަށް ދެވެއެވެ. ހަމައެހެންމެ، ކެއުމުގެ ވަގުތުތަކަށް އަންނަ ބަދަލުގެ ސަބަބުން ބަނޑުހައިކަން އިހުސާސްވާ މިންވަރު ދެނެގަންނަން ހަށިގަނޑަށް ދަތިވެ، މާގިނައިން ކެވުމަށް މަގުފަހިވެއެވެ.
ބަރުދަނުގެ ހަމަހިފެހެއްޓުމަށްޓަކައި އިލްމީ ގޮތުން ސާބިތުވެފައިވާ ބައެއް އުސޫލުތަކަށް އަމަލުކުރުން މުހިންމެވެ. ފުރަތަމަ ކަމަކަށް، ހުރިހާ މާއްދާތަކެއް އެކުލެވޭ ހަމަހަމަ ކެއުމަކަށް އިސްކަންދޭންޖެހެއެވެ. ޕްރޮޓީން، ފައިބަރު ގިނަ ތަރުކާރީ، އަދި ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް ހިމެނޭ ކެއުންތައް އިހުތިޔާރުކޮށް، ތެލުލި އެއްޗެއްސާއި ފޮނި ބާވަތްތަކާ ދުރުހެލިވާންޖެހެއެވެ. ދެވަނަ ކަމަކަށް، ކެއުމުގެ މިންވަރު ކޮންޓްރޯލް ކުރަންޖެހެއެވެ. ރޯދަވީއްލާ ގަޑީގައި ކުޑަ އެތިކޮޅެއް ކެއުމަށްފަހު، މައިގަނޑު ކެއުމާ ދެމެދު ކުޑަ ވަގުތުކޮޅެއް ހޭދަކުރުމަކީ ބަނޑުފުރޭކަން އިހުސާސްކޮށްދޭނެ ކަމެކެވެ.
ހަށިގަނޑުން ފެން މަދުވިޔަނުދިނުމަކީވެސް ބަރުދަން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބައެއް ފަހަރު ފެންބޮވައިގަތުމުން އިހުސާސްވަނީ ބަނޑުހައިވަނީ ކަމަށެވެ. އެހެންކަމުން ރޯދަވީއްލުމާއި ހާރާ ދެމެދު ގިނައިން ފެން ބުއިމަށް ސަމާލުކަން ދޭންޖެހެއެވެ. މީގެ އިތުރުން، ކާ ވަގުތު މަޑުމަޑުން ހަފަމުން ކެއުމާއި، ޓީވީ ނުވަތަ ފޯނު ފަދަ ކަންކަމަށް ސަމާލުކަން ނުދީ ކެއުމަށް އަމާޒުކުރުމަކީ ބަނޑުފުރުމުން ކެއުން ހުއްޓާލުމަށް ފަސޭހަވާނެ ކަމެކެވެ. އަދި ރޯދަވީއްލުމަށްފަހު ފަސޭހަ ހިނގާލުމެއް ފަދަ ކުޑަ ކަސްރަތެއް ކޮށްލުމަކީ ކާ އެއްޗެހި ހަޖަމުކުރުމަށާއި ބަރުދަން ހިފެހެއްޓުމަށް ލިބޭ ބޮޑު އެހީއެކެވެ.
މިކަންކަމާ ގުޅޭގޮތުން ސިއްހީ މާހިރުން ދެއްވާ އިރުޝާދުތަކަށް ބަލާއިރު، އަލް އަރަބިއްޔާ އިނގިރޭސި މަޖައްލާ (2025) ގައާއި ޚަލީޖް ޓައިމްސް (2026) ގައި ޑައިޓީޝަނުންނާއި ޑޮކްޓަރުން ބަޔާންކޮށްފައިވަނީ، ރޯދަމަހު ބަރުދަން އިތުރުވުމުން ސަލާމަތްވުމަށްޓަކައި ހާރުގަޑީގައްޔާއި ރޯދަވީއްލާވަގުތު ސިއްހީ ގޮތުން ފައިދާހުރި ކާތަކެތި ހިމެނުމުގެ މުހިންމުކަމެވެ.
ރޯދަމަހަކީ އަޅުގަނޑުމެންގެ ރޫހާނީ ފުދުންތެރިކަމުގެ އިތުރުން، ހަށިގަނޑުގެ ދުޅަހެޔޮކަންވެސް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ކެއުމުގައި މިންގަނޑުތައް ހިފަހައްޓައި، ފައިދާހުރި ކާތަކެތި އިހުތިޔާރުކޮށް، ހަށިގަނޑަށް ބޭނުންވާ ފެން އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ މާގިނައިން ކެވުމުން ދުރުހެލިވެ، މުޅި ރޯދަމަހު ސިއްހަތު ސލާމަތުން ބެހެއްޓުމަށް އޮތް އެންމެ ފަހި މަގެވެ.
ހަވާލާ:
. އަލް އަރަބިއްޔާ އިނގިރޭސި މަޖައްލާ (2025)
. ޚަލީޖް ޓައިމްސް (2026)
