މި ބަރަކާތްތެރި ރަމަޟާން މަހު ރޯދަ ހިފާ މުސްލިމް ކުޅުންތެރިންނާއި އޮފިޝަލުންނަށް ރޯދަވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން، މެޗުތައް މެދުކަނޑާލުމުގެ އުސޫލު މިއަހަރު ވެސް ކުރިއަށް ގެންދާނެކަން އިނގިރޭސި ޕްރިމިއާ ލީގުން ކަށަވަރުކޮށްދީފިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މި އުސޫލުގެ ދަށުން، އިރުއޮއްސޭ ވަގުތާ ދިމާވާ މެޗުތަކުގައި ރޯދަހިފާ ކުޅުންތެރިންނަށް ފެނާއި، ކުދުރު ނުވަތަ ހަކަތަ ލިބޭ އެހެން އެއްޗެއް ބޭނުންކޮށްލުމަށް ކުރު ވަގުތުކޮޅެއް ދޭނެއެވެ.
މި އިންތިޒާމު ހަމަޖައްސާނީ މެޗު ފެށުމުގެ ކުރިން ރެފްރީ އާއި ދެ ޓީމުގެ ކެޕްޓަނުން މަޝްވަރާކުރުމަށްފަހުއެވެ. މެޗުގެ ތެރެއިން ކުޅުން މެދުކަނޑާލާނީ ގޯލް ކިކެއް، ތުރޯ-އިންއެއް ނުވަތަ ފައުލެއް ފަދަ ކުޅުން ގުދުރަތީ ގޮތުން ހުއްޓޭ ވަގުތެއްގައެވެ. މީގެ ސަބަބުން މެޗުގެ ފޯރިއަށް ބުރޫނާރާނެހެން މިކަން ކުރިއަށް ގެންދެވޭނެއެވެ.
ޕްރިމިއާ ލީގުގައި ކުޅޭ މަޝްހޫރު މުސްލިމް ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހް އާއި ވިލިއަމް ސަލީބާ ފަދަ ތަރިންނަށް މީގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މި ނިންމުމަކީ ކުޅުންތެރިންގެ ދީނީ އަޅުކަމަށް އިހުތިރާމްކުރުމުގެ ގޮތުން ލީގުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
އިނގިރޭސި ފުޓްބޯޅަ ލީގު (އީއެފްއެލް) ގެ އެހެން ޑިވިޜަންތަކުގައި ވެސް މިއަހަރު މި އުސޫލަށް އަމަލުކުރާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. ގިނަ ބަޔަކު ދަނީ ޕްރިމިއާ ލީގުގެ މި އޯގާތެރި ނިންމުމަށް ތައުރީފު ކުރަމުންނެވެ.
