އެމެރިކާ އާއި އީރާނުގެ ދެމެދުގައި އޮތް ގުޅުން އިންތިހާއަށް ގޯސްވެ، މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން މިވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ. ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށްޓަކައި، ކުރިއަށް އޮތް ބުރާސްފަތި ދުވަހު ސްވިޒަލޭންޑުގެ ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކަކީ، ބޮޑު ކުރިމަތިލުމަކަށް ނުގޮސް ސަލާމަތްވުމަށް އޮތް އެންމެ ފަހު ފުރުސަތު ކަމަށް ބައިނަލްއަގުވާމީ މުހައްލިލުން ދަނީ ސިފަކުރަމުންނެވެ.
މި ނުތަނަވަސްކަމުގެ މައިގަނޑު އަސްލަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް 10 އާއި 15 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ. އީރާނުން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްނުވެއްޖެނަމަ، އީރާނަށް "ވަރަށް ގޯސް ކަންތައްތަކަކާ" ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. މިއީ ސީދާ އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.
ދެ ގައުމުގެ ދެމެދުގައި ނުސީދާކޮށް ކުރިއަށްދާ މި މަޝްވަރާތަކުގައި އީރާނުން ދޫ ދިނުމަށް ތައްޔާރުކަން ވަނީ ހާމަކޮށްފައެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ، ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ހުށަހެޅުންތަކެއް ތައްޔާރުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އީރާނުގައި ހުރި ޔުރޭނިއަމްގެ އެއްބައި ބޭރުކުރުމާއި، ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. ނަމަވެސް، މީގެ ބަދަލުގައި އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ޖެހޭނެ ކަމަށް އީރާނުން ޝަރުތުކުރެއެވެ.
އަސްކަރީ ގޮތުން ބަލާއިރު، އެމެރިކާއިން ވަނީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި މެދުއިރުމައްޗަށް ޖަމާނުކުރާ ފަދަ ވަރުގަދަ ބާރެއް މިހާރު ޖަމާކޮށްފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު މަނަވަރު ކަމަށްވާ ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ހިމެނޭހެން ދެ އެއާކްރާފްޓް ކެރިއަރު ސްޓްރައިކް ގްރޫޕާއި، އެންމެ ޒަމާނީ އެފް-35 ފައިޓާ ޖެޓްތައް ހިމެނެއެވެ. މީގެ އިތުރުން މިސައިލުން ދިފާއުވާ ތާޑް އަދި ޕޭޓްރިއަޓް ސިސްޓަމްތައް ވެސް ވަނީ ސަރަހައްދުގެ އެކި ގައުމުތަކުގައި ގާއިމުކޮށްފައެވެ.
މި ތައްޔާރީތަކަކީ ހަމައެކަނި އިންޒާރެއް ނޫން ކަމަށާއި، އަމުރެއް ލިބުމާއެކު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށާއި އަސްކަރީ މުހިންމު ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް މިހާރު އެބައޮތް ކަމަށް ޕެންޓަގަންގެ ރިޕޯޓްތައް ބުނެއެވެ. އެމެރިކާގެ އަމާޒަކީ އީރާނުގެ ސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވައި، އެމީހުން ބޭނުންވާ ފަދަ އެއްބަސްވުމަކަށް މަޖުބޫރުކުރުވުމެވެ.
އީރާނުން ވެސް ތިބީ އަތް އުރާލައިގެންނެއް ނޫނެވެ. އީރާނުގެ އަސްކަރިއްޔާއިން ވަނީ ދިފާއީ ތައްޔާރީތައް އިންތިހާއަށް ވަރުގަދަކޮށްފައެވެ. އަދި ދާދި ފަހުން އީރާނުން ވަނީ ރަޝިޔާއާއެކު ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ބާއްވާނެ ކަމަށް އިއުލާންކޮށްފައެވެ. މީގެ އިތުރުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މައި ނާރު ކަމަށްވާ ހޯމުޒް ކަނޑުއޮޅި ބަންދުކޮށްލާނެ ކަމުގެ އިޝާރާތެއް ވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން ވަނީ ދީފައެވެ.
މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ވެސް ބޮޑެތި ލޮޅުންތަކެއް ދަނީ އަރަމުންނެވެ. ހާއްސަކޮށް ތެލުގެ ބާޒާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ހަނގުރާމައެއް ފެށިއްޖެނަމަ، ތެލުގެ އަގު އަތްނުފޯރާ ފަށަށް އުފުލި، ދުނިޔޭގެ އިގުތިސާދީ ދުވެލި މަޑުޖެހިދާނެ ކަމުގެ ބިރު އޮތުމުން، ގަލްފުގެ ގައުމުތަކާއި އެހެނިހެން ގައުމުތަކުން ވެސް ދަނީ މަސްރަހު ފިނިކުރުމަށް ބާރުއަޅަމުންނެވެ.
އީރާނުގެ އެތެރޭގެ މަސްރަހަށް ބަލާއިރު، އެ ގައުމުގެ ސަރުކާރަށް ވަނީ އެތެރެއިން ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އީރާނުގެ ބޮޑެތި ޔުނިވަރސިޓީތަކުގެ ދަރިވަރުން އިސްވެ، ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންދާއިރު، މިއީ އީރާނުގެ ލީޑަޝިޕަށް އިތުރު ބޮލުގެ ރިހުމަކަށް ވަނީ ވެފައެވެ. ބޭރުގެ ހަމަލާތަކަކާ ކުރިމަތިލާން ޖެހިފައިވާ ވަގުތެއްގައި އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވުމަކީ އީރާނަށް އޮތް ބޮޑު ނުރައްކަލެކެވެ.
ޖެނީވާ މަޝްވަރާތަކުގައި އެމެރިކާއިން ބޭނުންވަނީ އީރާނުން އެއްކޮށް ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ ސުލްހަވެރި ބޭނުންތަކަށް ޔުރޭނިއަމް މުއްސަނދިކުރުމަކީ އެ ގައުމަށް ލިބިގެންވާ ހައްގެއް ކަމަށެވެ. މި ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަކުރެވޭނެ ގޮތެއް ހޯދުމަކީ ޖެނީވާ ބައްދަލުވުމުގެ އެންމެ ބޮޑު ގޮންޖެހުމެވެ.
ބުރާސްފަތި ދުވަހަކީ މުޅި މެދުއިރުމަތީގެ ކުރިމަގު ކަނޑައެޅިގެންދާނެ ދުވަހެކެވެ. ޖެނީވާ މަޝްވަރާތަކުން ނަތީޖާއެއް ނުނުކުމެއްޖެނަމަ، ދެން ފެނިގެންދާނީ ބަޑީގެ އަޑު ކަމަށް ބެލެވެއެވެ. ދުނިޔޭގެ ނަޒަރު މިހާރު ހުރީ ޖެނީވާއަށެވެ. މިއީ ސުލްހައަށް އޮތް ފަހު ދޮރެވެ.
