މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އޮއިވަރު މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސް" ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަކޮށްގެން ބާއްވާ މި ކޮންފަރެންސް އޮންނާނީ އަންނަ މެއި މަހުގެ 16 އަދި 17 ގައި ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި ދިރާސާވެރިން އެއްތަނަކުން ބައްދަލުވެ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މީގެ ސަބަބުން މި ދާއިރާއިން މުޖުތަމައު ހޭލުންތެރިކުރުވުމަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ބޭންކުން ގަބޫލުކުރެއެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް އެ ބޭންކުން އަބަދުވެސް ހާއްސަ އިސްކަމެއްދޭ ކަމަށެވެ. ހާއްސަކޮށް ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދޭ މިފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
މި ކޮންފަރެންސް މެދުވެރިކޮށް ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާ މައުލޫމާތާއި ދިރާސާތައް ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
