އިނގިރޭސިވިލާތުގެ ސްޓެފޯރޑްޝަރއަށް ނިސްބަތްވާ، އުމުރުން ދެ އަހަރުގެ ހާރޕަރ ލީ މަރުވެފައިވަނީ، ރިމޯޓެއްގެ ބެޓެރިއެއް ކާލެވި، އޭގެ އެސިޑުގެ ސަބަބުން ކާނާ ދަތުރުކުރާ ހޮޅި ފިހިގެންނެވެ. މިދިޔަ މޭމަހުގެ 23 ވަނަ ދުވަހު މަރުވި ކުއްޖާގެ މަންމަ ވަނީ ހުރިހާ ބެލެނިވެރިން އިތުރަށް ސަމާލުވުމަށް އިންޒާރުދީފައެވެ.

މި ކުޑަކުއްޖާގެ މަންމަ ސްޓޭސީ ހާމަކުރިގޮތުގައި، އޭނާގެ ދަރިފުޅު ރިމޯޓްގެ ބެޓެރި ދިއުވާލިކަން އެނގުނީ ރިމޯޓްގެ ބެޓެރި ނެތި އޮއްވާ ފެނުމުން ކަމަށެވެ. އޭރު އެކުއްޖާ ބަލަހައްޓަން ހުރީ އޭނާގެ ދޮށީދައްތައެވެ. ބެޓެރި ދިރުވާލުމަށްފަހު ކުއްލިއަކަށް ކުޑަކުއްޖާ ހޮޑުލާން ފެށިއިރު ހުރީ ހުސް ލެއެވެ. ހޮސްޕިޓަލަށް ގެންގޮސް ލޭއަޅަން ފެށިއިރު ކުއްޖާގެ ގައިން ދެ ލީޓަރު ލޭވަނީ ހޮޑުގެ ގޮތުގައި ބޭރުވެފައެވެ.

ބެޓެރި އެސިޑްގެ ބާރުގައި ކާތަކެތި ދަތުރުކުރާ ހޮޅިއާއި އެހެން ބައެއް ބޮޑެތި ނާރުތައް ހަލާކުވުމުން، ޑޮކްޓަރުންނަށްވެސް އޭނާގެ ސަލާމަތްކުރުމުގައި ކާމިބެއް ނުލިބުނެވެ. ކުޑަކުއްޖާ މަރުވީ ފުރާނަ ސަލާމަތްކުރުމަށް އޮޕަރޭޝަން ކުރަމުން ދަނިކޮށެވެ.

ކުޑަދަރިފުޅު ވަކިވުމުގެ ހިތާމައިގައި ހިތް ކުދިކުދިވެފައިވާ މަންމަ ވަނީ، ދަރިފުޅު ނެތުމުގެ ފަޅުކަން މިއީ ތަހައްމަލުކުރެވޭ ވަރަށްވުރެ ބޮޑު ހިތާމައެއްކަމަށް ބުނެފައެވެ. އެހެންކަމުން ކޮންމެ ބެލެނިވެރިއަކުވެސް ކުޑަކުދިން ގެންގުޅުމުގައި އިތުރަށް ސަމާލުވުމަށާއި، މިކަމާއި މެދު ހުރިހާ ބެލެނިވެރިން ހޭލުންތެރިވުމަށް އޭނާ ވަނީ އެދިފައެވެ.