ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 5,000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތުގައި މިހާތަނަށް ޖުމުލަ 5,067 މީހުން ވަނީ ފޯމު ހުށަހަޅާފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓަށް އެދި 3,434 ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 1,633 ފޯމެވެ. މީގެ އިތުރުން "ހިޔާވެހި" ޕޯޓަލު މެދުވެރިކޮށް ފޯމު ފުރުމުގެ ޑްރާފްޓް މަރުހަލާގައި 11,304 މީހުން ތިބި ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މި ސިޔާސަތުގެ ދަށުން 1,250 އަކަފޫޓުގެ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ގޯތިތައް މާލޭ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 7,900 ފްލެޓެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް ހާއްސަ 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި ފުރުސަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ހުރިހާ ފޯމެއްވެސް ހުށަހަޅަންޖެހޭނީ "ހިޔާވެހި" ޕޯޓަލު މެދުވެރިކޮށް އޮންލައިންކޮށެވެ.