ހަލާލު ޓޫރިޒަމަށް އިންވެސްޓުކުރާ ފަރާތްތަކުން ރިސޯޓު ތަރައްގީ ކުރުމަށް ގެންނަ ތަކެތި ހިމެނޭގޮތަށް، އިގްތިސޯދީ ގޮތުން ބޭނުންތެރި މަސައްކަތްތަކަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ އާއި ރޯޔަލިޓީ އަދި ރެވެނިއު ފީ ކަނޑާލެވޭ ގޮތަށް އުސޫލެއް އެކުލަވާލައި، މިއަދު އާންމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެކުލަވާލި މި އުސޫލުގައިވާ ގޮތުން، އިމްޕޯޓު ޑިއުޓީ އާއި ރޯޔަލްޓީ އަދި ރެވެނިއު ފީ ކަނޑާލައިދެވޭނީ ރާއްޖޭގެ އިގްތިސޯދަށް ބޭނުންތެރި މަޝްރޫއުތަކަށާއި، އާންމު ފައިދާއަށް އެތެރެކުރާ ތަކެތިންނެވެ. މީގެ ތެރޭގައި ކެޕިޓަލް އިކުއިޕްމެންޓާއި، ސްޕެއާ ޕާޓްސް އަދި މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް ހިމެނެއެވެ.

ޑިއުޓީ ކަނޑާލެވޭނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

ހަލާލު ޓޫރިޒަމަށް އިންވެސްޓުކޮށް ރިސޯޓު ތަރައްގީކުރުން.

ޓޫރިޒަމް ކުރިއަރާފައި ނުވާ އަތޮޅުތަކުގައި (ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ) ރިސޯޓު ހެދުން.

މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކުރަން ގެންނަ ތަކެތި.

އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ގެންނަ ތަކެތި.

މެރިން ފިއުލް ބަންކަރިންގެ ބޭނުމަށް އެތެރެކުރާ ތެޔޮ.

ރައީސް އޮފީހުން ބުނީ މި ފީތައް ކަނޑާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު، އެއްވެސް އެއްބަސްވުމެއްގައި މިފަދަ މާއްދާއެއް ހިމެނޭނީ ރައީސް އޮފީހުގެ ހުއްދަ ލިބިގެން ކަމަށެވެ.

ޑިއުޓީ ކަނޑާލައިދިނުމަށް އެދި ހުށަހެޅޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީވެފައިވާ ފަރާތްތަކަށާއި، ލޯކަލް ކައުންސިލްތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކަށެވެ. މިއީ ރާއްޖޭގެ އިގްތިސޯދު ސިންދަފާތުކޮށް، އާ އިންވެސްޓުމެންޓުތަކަށް މަގުފަހިކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.