ރޯދަ މަހަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ކްލިއާކުރުމަށްޓަކައި، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ރެޔާއި ދުވާލު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޕީއެލް އިން ބުނީ ރޯދަ މަހާ ގުޅިގެން ރާއްޖެއަށް އެތެރެކުރާ މުދާ އިތުރުވެފައިވާއިރު، ބަނދަރުގެ އޮޕަރޭޝަންތައް ވަނީ ކުރިއަށްވުރެ ހަލުވިކޮށްފައެވެ. އެގޮތުން ރޭގެ ވަގުތެއްގައި "ނިއުމަތު 3" އާއި "ބްލޫހާ" އިން ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ވަނީ ބާލާފައެވެ. އަދި ކާބޯތަކެތި ހިފައިގެން އައި "ނިއުމަތު 2" ރޭގެ ވަގުތެއްގައި ބަނދަރަށް ކައިރިކޮށްފައިވާއިރު، "ވައިޑޫރިއަމް" އަދި "އަކިލްޝާން" މިވަގުތު އޮތީ އެންކަރޭޖްގައެވެ.
މީގެ އިތުރުން، މިއަދުގެ ވަގުތެއްގައި "ވީބީ ޕްރޮގްރެސް" ވެސް މާލޭ ވިޔަފާރި ބަނދަރަށް ބަނދަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޕީއެލް އިން ބުނީ މި ހަފުތާގެ ތެރޭގައި އިތުރު އުޅަނދުފަހަރުން ވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބޭލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ރޯދަ މަހަށް ބޭނުންވާ އަސާސީ މުދާ މާކެޓަށް ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެހެން، ބަނދަރުން މުދާ ކްލިއާކުރުމުގެ މަސައްކަތް ވީހާވެސް ހަލުވިކޮށް ކުރިއަށް ގެންދިއުމެވެ.
