ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތު ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ނަމަވެސް، އާދަޔާ ހިލާފަށް ދިގު ރާސްތާތަކަށް ދުވުން ނުވަތަ "އަލްޓްރާމެރަތަން" ފަދަ ހަރަކާތްތަކަކީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެކެވެ. އެމެރިކަން ސޮސައިޓީ އޮފް ހީމަޓޮލޮޖީން ނެރުނު އައު ދިރާސާއަކުން ދައްކާ ގޮތުގައި، މިފަދަ ދިގު ރާސްތާތަކަށް ދުވުމުގެ ސަބަބުން ހަމައެކަނި މަސްތަކާއި ހުޅުތަކަށް ބާރުބޮޑުވަނީއެއް ނޫނެވެ. މީގެ ސަބަބުން ލޭގެ ރަތް ސެލްތަކަށް ވެސް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އާދެއެވެ.

މި ދިރާސާއިން ހާމަވި ގޮތުގައި، އަލްޓްރާމެރަތަން ދުވުމުގެ ސަބަބުން ލޭގެ ރަތް ސެލްތަކުގެ މާއްދީ ސިފައަށް ބަދަލު އާދެއެވެ. މިގޮތުން، ސެލްތަކުގެ "ދޫކަން" ނުވަތަ ފްލެކްސިބިލިޓީ ކުޑަވެ، ސެލްތައް ފަސޭހައިން ހަލާކުވާ ގޮތް މެދުވެރިވެއެވެ. ލޭގެ ރަތް ސެލްތަކަކީ ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށްވާއިރު، މި ސެލްތަކަށް ލިބޭ ގެއްލުމުގެ ސަބަބުން ހަށިގަނޑަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރައި، ދުވުންތެރިޔާގެ ހަށިގަނޑުގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެއެވެ.

ސައިންސްވެރިން ފާހަގަކުރާ ގޮތުގައި މިކަން މެދުވެރިވާ މައިގަނޑު ދެ ސަބަބެއްވެއެވެ. ފުރަތަމަ ސަބަބަކީ، ދުވުމުގެ ތެރޭގައި ލޭ ދައުރުވާ ބާރުމިން އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ސެލްތަކަށް ކުރިމަތިވާ "މެކޭނިކަލް ސްޓްރެސް" އެވެ. މީގެ އިތުރުން، ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން އަދި "އޮކްސިޑޭޓިވް ސްޓްރެސް" އަކީ މޮލިކިއުލާ ފެންވަރުގައި ސެލްތަކަށް ގެއްލުންދޭ ކަންކަމެވެ. މިއީ ސެލްތަކުގެ އުމުރު ކުރުކޮށްދީ، މުސްކުޅިވުމުގެ މަރުހަލާ އަވަސްކޮށްދޭ ކަމެއްގެ ގޮތުގައި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

އަލްޓްރާމެރަތަން ފަދަ އިންތިހާ ދަރަޖައިގެ ކަސްރަތުތަކުން ލޭގެ ސެލްތަކަށް ލިބޭ މި ގެއްލުމަކީ ދިގު މުއްދަތަކަށް ބަލާއިރު ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. ސެލްތައް ހަލާކުވުން އަވަސްވުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށާއި، ހަކަތަ އުފެއްދުމުގެ ގާބިލުކަމަށް ބުރަވާނެ ކަމެކެވެ. މީގެ ސަބަބުން ދުވުންތެރިންގެ ހަށިގަނޑު އާރާސްތުވުމަށް ނަގާ ވަގުތު އިތުރުވެ، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް ކުރާ ޕްރެޝަރު ބޮޑުވެގެންދެއެވެ.

މި ހޯދުންތަކުން އެނގިގެންދަނީ، ކަސްރަތު ކުރުމަކީ ފައިދާހުރި ކަމެއް ނަމަވެސް، ހަށިގަނޑަށް ކެތްނުވާވަރުގެ ބުރަ އުފުލުމަކީ ނުރައްކާތެރި ކަމެއް ކަމެވެ. ހާއްސަކޮށް ލޭގެ ދުޅަހެޔޮކަމަށް އަންނަ މިފަދަ ބަދަލުތަކަކީ ބޭރުފުށުން ނުފެނުނަސް، ހަށިގަނޑުގެ އެތެރޭގެ ނިޒާމުތައް ބަލިކަށިކޮށްލާ ކަންކަމެވެ. އެހެންކަމުން، ކޮންމެ ކަސްރަތެއް ކުރި ނަމަވެސް، އެމީހެއްގެ ހަށިގަނޑުގެ ގާބިލުކަން ހުރި މިންވަރަށް ބަލައި، ހަށިގަނޑަށް ބޭނުންވާ އަރާމު ދިނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

 

ހަވާލާ: ސައިންސް ޑެއިލީ 2026