ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ގެ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބުނު ވިޔަފާރީގެ ގެއްލުން ވަޒަންކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓް ރިޕޯޓް އެ ކުންފުންޏަށް ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މާލެ ހައި ކުންފުންޏަށް އެ ރިޕޯޓް ދޫކުރުމަށް އޮޑިޓް އޮފީހުން ކުރިން ވަނީ އިންކާރުކޮށްފައެވެ. އޭގެ ބަދަލުގައި އެ އޮފީހުން ރިޕޯޓް ފޮނުވީ ބަންޑާރަ ނައިބުގެ އޮފީހަށެވެ. މި މައްސަލައިގައި އޮޑިޓް އޮފީހާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ އުފުލުމުން، އެ އޮފީހުން ދައުވާއަށް އެއްވެސް ޖަވާބެއް ހުށަހަޅާފައެއް ނުވެއެވެ. ސިވިލް ކޯޓުން ހުކުމްކުރީ އެ ރިޕޯޓަކީ މާލެ ހައި ކުންފުންޏަށް ލިބެންޖެހޭ ރިޕޯޓެއް ކަމަށާއި، ރިޕޯޓަށް އެއްވެސް އުނިއިތުރެއް ނުގެނެސް 7 ދުވަހުގެ ތެރޭގައި ކުންފުންޏާ ހަވާލުކުރުމަށެވެ.

މި މައްސަލައިގެ ފެށުމަކީ މަންދު ކޮލެޖް ހިންގަން ދޫކުރި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގާފައި ނުވާކަމަށް ބުނެ، 2015 ވަނަ އަހަރު ސަރުކާރުން އެތަން އަތުލި މައްސަލައެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ފަހުން ވަނީ ހުކުމްކޮށްފައެވެ.

އެއްބަސްވުން ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ކުންފުނިން ދައުވާކުރިއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީގެ އެދުމަކަށް އޮޑިޓް އޮފީހުން ހެދި އެސެސްމަންޓް ރިޕޯޓުގައި ކަނޑައަޅާފައިވަނީ ބަދަލުގެ ގޮތުގައި ދޭންޖެހޭނީ 1.2 މިލިއަނާއި 1.5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށެވެ.

މާލެ ހައި ކުންފުނިން ކޯޓުގައި ބުނެފައިވަނީ، އެ ރިޕޯޓަކީ ކުންފުނީގެ އެއްވެސް ލިޔެކިޔުމެއް ބެލުމެއް ނެތި އަދި ކުންފުންޏާ މަޝްވަރާކުރުމެއް ނެތި ބައިނަލްއަގްވާމީ އޮޑިޓް މިންގަނޑުތަކާ ހިލާފަށް ތައްޔާރުކޮށްފައިވާ ބާތިލް ރިޕޯޓެއް ކަމަށެވެ.